بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެވެރި اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ ކައު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަފުޅަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އީ.ޕީ.އެސް.ގެ ފައުންޑަރ މެންބަރު އޮނަރަބްލް މުޙައްމަދު މުޞްޠަފާ ޙުސައިން، އީ.ޕީ.އެސް ފައުންޑޭޝަންގެ ރައީސް އަލްއުސްތާޛު އަޙްމަދު ޙަމްޒާ، އީ.ޕީ.އެސް ފައުންޑޭޝަންގެ ކުރީގެ ރައީސް ޑޮކްޓަރ ޢަލީ ޝަމީމް، އިސް ދަރިވަރުން އަދި ފައުންޑޭޝަންގެ އިސް ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، އަޅުގަނޑަށް މިފަދަ ފުރުޞަތެއް ދެއްވީތީވެ، އީ.ޕީ.އެސް ފައުންޑޭޝަންގެ އިސް ބޭފުޅުންނަށާއި އަދި އިސް ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ފަށްޓަން ޖެހެނީ ވަރަށް ދުރުން. މިފަދަ މަތިވެރި މަޤްޞަދެއްގައި ޤައުމަކަށް، މުޖުތަމަޢަކަށް އެންމެ ބޭނުންވާކަމެއް ފެށްޓެވީތީ، އާދެ، ތަޢުލީމު، ޢިލްމު އުނގަންނައިދެއްވުމުގެ މާތް މަސައްކަތެއް ފެށްޓެވީތީވެ، އީ.ޕީ.އެސް. ސްކޫލް، އާދެ، 1968 ވަނަ އަހަރު ޖޫން މަހުގެ 1 ވަނަ ދުވަހު ފެށްޓެވީތީ، ފައުންޑަރ މެންބަރުން ކަމުގައިވާ މުޙައްމަދު މުޞްޠަފާ ޙުސައިން، މުޙައްމަދު ޝަރީފް، އަޙްމަދު މުޖުތަބާއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ލާމަސީލު ނަމޫނާއެއް ދަރިވަރުންގައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައެއްގެ ގޮތުގައި ތަރުބިއްޔަތު، އަޚްލާޤް، ދަރިވަރުން ގައިގައި އަށަގެންނެވުމުގެ ވަރަށް ބުރަ މަސައްކަތްތަކެއް، ވަރަށް ރަނގަޅު މިސާލުތަކެއް ދެއްކެވި އަޅުގަނޑުމެންގެ ލޮބުވެތި ޕްރިންސިޕަލް އަލްމަރުޙޫމް ޙަސަން މާހިރުގެ ފުރާނަފުޅަށް اللَّـهُ سُبْحَانَهُ وَتَعَالَىٰ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އާދެ، އެއްވެސް ޝައްކެއްނެތް، އީ.ޕީ.އެސް.ގެ ފެށުން ވެގެންދިޔައީ، ދިވެހިރާއްޖޭގެ އެތައް ބަޔަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ނަސީބަކަށް. ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް. އުފާވެރި ކަމަކަށް. ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން ކަހަލަ މާލެއިން ބޭރުން، އާދެ، ތަޢުލީމީ ފުރުޞަތުތައް އޭރު ނުލިބި ތިބި ފަރާތްތަކަށް ވަރަށް ބޮޑު އުންމީދެއް އާލާވެގެންދިޔަ ކަމަކަށް. ހަމައެއާއެކު، މަދަރުސީ ތަޢުލީމަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި ތިބި އެތައް ބަޔަކަށް ލިބިގެންދިޔަ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އާދެ، ޝުކުރު މިކަމުގައި ދަންނަވަން ފަށައިފި ކަމަށްވަންޏާ، ނިމުމެއް ނާންނާނެ. އަޅުގަނޑުމެންގެ މައިންބަފައިންނަށް އެ ލިބުނު ހިތްހަމަޖެހުމަކީ އެއީ، ބަޔާންކުރަން އުނދަގޫ ކަމެއް. އާދެ، އެ ދުވަހު ތިޔަބޭފުޅުން އެ ކަންތައްތައް ނުކުރެއްވިނަމަ، މިއަދު އަޅުގަނޑެއް ހަމަގައިމުވެސް މި ތަނުގައި ނުހުރީސް. އެހެންވީމާ، އެއީ އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަންތައްތައް. ހަނދާން އާކުރުމަކީ އެއީ. ޒިކުރު ކުރުމަކީ އެއީ.

އަޅުގަނޑުމެންގެ ކުރިމަތީގައި، އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް އަޅުގަނޑުމެންގެ ނަފުސަށް، ޤައުމަށް، މުޖުތަމަޢަށް އެއްވެސްކަހަލަ ފައިދާކުރުވަނި ރަނގަޅު ހެޔޮކަމެއް، އެއްވެސް ފަރާތަކުން، އެއްވެސް ބަޔަކު ކޮށްދީފައި އޮތްކަމަށްވަންޏާ، އެކަމެއްގެ ހަނދާން އާކޮށް، އެކަމެއް މިހާރުގެ ޖީލަށާއި، އަންނަން އޮތް ޖީލުތަކަށް ކިޔައިދިނުމަކީ އެއީ، އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް.

އާދެ، އީ.ޕީ.އެސް.ގެ ހަނދާންތައް އާކުރާއިރު، ދެއްކިދާނެ ކިތަންމެ ގިނަގުނަ ވާހަކަތަކެއް އެބަހުރި. އަޅުގަނޑަށް މިއަދު ސިފަވެގެންދަނީ 1985 ވަނަ އަހަރު. ތަންކޮޅެއް ފަހުން އަޅުގަނޑަށް ސްކޫލަށް ވަދެވުނީ. އެހެންނަމަވެސް، އަޅުގަނޑުގެ އުންމީދުތައް އަޅުގަނޑުގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިން ތަނަކީ، އަޅުގަނޑުގެ މި މަދަރުސީ ހިޔާ، މި ޢިލްމީ ބަގީޗާ. ވަރަށް ގިނަ ގޮންޖެހުންތަކެއް، އުނދަގޫތަކެއް، ސްކޫލް ފަށައިގަތުމަށްޓަކައި އަޅުގަނޑަށްވެސް ހުރި. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ތެރެއިން އޭރުގެ ކޮންމެ ދަރިވަރަކީ، ކޮންމެވެސް އުނދަގޫތަކެއް، ކޮންމެވެސް ދަތި ކަންތައްތަކެއް، ކުރިމަތިވެފައި ހުރި ދަރިވަރަކަށްވާނެކަން.

އެހެންނަމަވެސް، އަޅުގަނޑު މީގައި ފާހަގަކޮށްލަން ބޭނުންވަނީ، އޭރުގެ މުދައްރިސުން ސަމާލުކަން ދެއްވި ގިނަގުނަ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންނަށް މިއަދުވެސް ގަބޫލު މިކުރެވެނީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، ތަޢުލީމަކީ، ތަރުބިއްޔަތަކީ، އަދި ޢިލްމު އުނގަންނައި މިދެވެނީކީ، ކޮންމެހެން މާމޮޅު ސްކޫލަކަށްވެ، މާގިނަ ވަސީލަތްތައް ހުރެގެން ނޫންކަން ހަމައެކަނި މުހިންމު ކަމަކަށްވާ ސަބަބަކީ. އަޅުގަނޑުމެންނަށް ބޭނުންވަނީ ހިންގުންތެރި، ތަޢުލީމު އުނގަންނައިދޭ ހިތުން މަސައްކަތް ކުރާނޭ ރަނގަޅު މުދައްރިސުން.

އާދެ، އީ.ޕީ.އެސް.ގެ އެ ދުވަހުގެ ކަންތައްތަކަށް އިތުރަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، ސްކޫލަކީ އާދެ، އަޅުގަނޑު މި ޒަމާނާއި، މިއަދާއި، އެ ދުވަހާ ކޮންމެހެން އަޅައިކިޔާކަށްނެތިން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސްކޫލްގެ އޭރުގެ ކަންތައްތައް ހުރިގޮތް އަޅުގަނޑަށްވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ތިޔަބޭފުޅުންނަށް. އެހެންނަމަވެސް، ސްކޫލްގެ ޚާއްޞަކޮށް، ޕްރިންސިޕަލް، ފައުންޑަރ މެންބަރުން އަދި މުދައްރިސުން އެންމެ އިސްކަމެއް ދެއްވި ކަމަކަށް ވެގެންދިޔައީ، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި މަސައްކަތްކުރުން. ދިވެހި ޤައުމަށް ކުރިއެރުން ބޭނުންވާނެކަމާއި، ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ޤައުމުތަކާ ވާދަކޮށް ކުރިއެރުން ހޯދަންޖެހޭނެ ޤައުމެއްކަން ދަނެގެން، އެކިއެކި ފަންނުތަކުން، އެކިއެކި ދާއިރާތަކުން މީހުން ބިނާކުރުން. އާދެ، އަޅުގަނޑުގެ ކުރިމަތިން އަޅުގަނޑަށް އެ ކަންތައް ތަމްސީލުވެގެން އެބަދޭ. ދިވެހި މުޖުތަމަޢަށް، ދިވެހިރާއްޖޭގެ ހިންގުމަށް އެކިއެކި ޚިދުމަތްތައްދޭ ފަރާތްތަކަށް އަޅުގަނޑުމެން ނަޒަރު ހިންގާލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ފެންނަނީ އެފަދަ ޚިދުމަތްތެރި އެތައް ބައެއް.

އާދެ، އަޅުގަނޑުގެ ކުރިމަތީގައި އިންނެވި އަޅުގަނޑުމެންގެ އަޚް ފައުންޑަރ މެންބަރު. ފެށުމުގައިވެސް، ޚިދުމަތްތެރި ބޭފުޅެއް. ޤައުމަކަށް އެންމެ ބޭނުންވާނެ، އާދެ، އިންސާނަކަށް އެންމެ ބޭނުންވާނެ ކަމަކަށް މިވަނީ ދުޅަހެޔޮ، ހަށިހެޔޮ ޞިއްޙަތެއްގައި މީހާ ދެމިހުރުން. އާދެ، އޭރުގެ ހެލްތު މިނިސްޓަރ. އެހެންވީމާ، ފެށުމުގައިވެސް އަޅުގަނޑު ދަންނަވާނީ، އީ.ޕީ.އެސް ސްކޫލް ހިންގަވަން ތިއްބެވި ބޭފުޅުންވެސް ވެގެންދިޔައީ، ޤައުމަށް ވަރަށް އިޚްލާޞްތެރި، ޤައުމަށް ޚިދުމަތްތެރި ބަޔެއްގެ ގޮތުގައޭ. އެއީ، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ބަލަންޖެހުނު ނަމޫނާއަކަށް ވެގެންދިޔަ. އެހެންވީމާ، އެކަމަށްޓަކައި އަދިވެސް އެއްފަހަރު ފައުންޑަރ މެންބަރު އަދި ފައުންޑަރ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ރަނގަޅު ދަރިންތަކެއް އުފެއްދިއިރު، ޤައުމެއްގެ އިސް ދަރިވަރުންގެ ޒިންމާތަކެއް އޮންނާނެ. އީ.ޕީ.އެސް ސްކޫލުން ކިޔަވައިވިދާޅުވި ސައްބީސް ހާހަށްވުރެ ގިނަ ދަރިވަރުންނާއި، އަދި ދިވެހިރާއްޖޭގެ އެހެން ތަޢުލީމީ މުއައްސަސާތަކުން، ސްކޫލްތަކުން ކިޔަވައިވިދާޅުވި، އެހެން ހުރިހާ ދަރިވަރުންނަށް އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، ޤައުމުގެ ކަންތައްތައް ރަނގަޅުކުރުމުގައި އަމާންކަން ޤާއިމުކޮށް، ރަނގަޅު ޖީލެއް ބިނާކޮށް، ރިވެތި ސިފަތައް ދެއްކުމަށްޓަކައި އަޅުގަނޑުމެންގެ ޒިންމާ ވަރަށް ބޮޑޭ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ތެރޭގައިވެސް ވަރަށް ގިނަގުނަ މައްސަލަތައް އެބަހުރި. އިޖުތިމާޢީ ގިނަގުނަ މައްސަލަތައް އެބަހުރި. މިއީ، އަޅުގަނޑުމެން ކިތަންމެ ހިތްނޭދޭ، އަޅުގަނޑުމެން އެކަމެއްގެ މަތިން ހަނދާންކުރުމުން ކިތަންމެ ދެރަވާ، ހިތާމަކުރާ ކަމަކަށްވީނަމަވެސް، އަޅުގަނޑުމެން މިކަންކަން ގަބޫލުކުރަންޖެހޭ. މިއީ، ޙަޤީޤަތް. މިފަދަ ކުޑަ ޤައުމެއްގައި، އަޅުގަނޑުމެން ކަހަލަ ސައްތައިންސައްތަ މުސްލިމް އަދި އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ވަރަށް ގާތް، އެކުވެރި ބަޔަކު ތިބޭ ތަނެއްގައި، މި ކަންތައްތައް ޙައްލުކޮށް، އަމާން ޤައުމެއް ހޯދުމުގެ މަސައްކަތް ކުރުމަކީ އެއީ، އަޅުގަނޑުމެން މިއަދު އެންމެން އެކުގައި، އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް. އަޅުގަނޑު ދިވެހިރާއްޖޭގެ ޚާއްޞަކޮށް، މި ދެންނެވި ހުރިހާ ފަރާތްތަކަށް ދަންނަވަން އޮތީ، މި ކަމުގައި ގިނަގުނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހެއޭ.

އަޅުގަނޑުމެންގެ ޒުވާނުންނަކީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ނަފްސުދެކެ ލޯބިވާގޮތަށް، އެ ފަރާތްތަކަށް އެ އަޅައިލުންދީގެން، ހެޔޮލަފާ ޖީލެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ ބައެއް. އާދެ، މުޖުތަމަޢުން ގެއްލިގެންދާ ކަންތައްތައް، ރިވެތި ސިފަތައް، އާދަތައް، އަޅުގަނޑުމެން އިއާދަކުރަން އެބަޖެހޭ. އީ.ޕީ.އެސް.ގެ ހަނދާން އާކުރުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދެންނެވި ކަންތައްތައް އަލުން އަނބުރާ މުޖުތަމަޢަށް ގެނެސް، ރިވެތި މިސާލުތައް އަޅުގަނޑުމެން ދެއްކުން. ހަމައެއާއެކު، ޤައުމަށް ޚިދުމަތްކުރެއްވި ފަރާތްތަކުގެ މަތިން ހަނދާން އާކޮށް، އެ ފަރާތުގެ އަގުވަޒަންކުރުމަކީ އެއީ، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކޭ.

އާދެ، އަޅުގަނޑު އެންމެ އުފާވާނެ އެއް ދުވަހަކަށް ވެގެންދާނީ، އީ.ޕީ.އެސް.ގެ ނަމުގައި ސްކޫލެއް، އެ ނަން ދިރުވައި ވުޖޫދުވެގެންދާނެ ދުވަހެއް. އެއީ ހަމަކަށަވަރުންވެސް، ތިޔަބޭފުޅުންނެކޭ އެއްގޮތަށް، އަޅުގަނޑަށްވެސް ވަރަށް ބޮޑު އުފާވެރިކަމެއް ލިބޭނެ ކަމެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި، އީ.ޕީ.އެސް.ގެ އެ ނަމަކީ އެއީ އަބަދު ދިވެހި އުދަރެހުގައި، މި ފަސްގަނޑުގައި އެ ނަން ވުޖޫދުވެފައި އޮންނަން ޖެހޭނެ ނަމެއް.

އާދެ، ތިޔަބޭފުޅުން ފާހަގަކުރައްވައިފި، އީ.ޕީ.އެސް.ގެ ދަރިވަރުންގެ ޚިދުމަތްތަކުގެ ވާހަކަ. އަޅުގަނޑުގެ ކުރިމަތިން އަޅުގަނޑަށް މިހާރުވެސް އެބަ ފެނޭ، މި ދެންނެވި ވަރަށް ގިނަ ޚިދުމަތްތަކެއް، ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށްވެސް ކޮށްދެއްވާފައިވާ، އަދި ދިވެހިރާއްޖޭގެ އެކިއެކި ކަންތައްތަކުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތައް. އަޅުގަނޑު ތިޔަ އެންމެހައި ފަރާތްތަކަށް އަދި އަޅުގަނޑުމެންނާއެކު މިއަދު ބައިވެރިވެވަޑައިގަތުމުގެ ނަސީބު ލިބިފައިނުވާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް، އަޅުގަނޑަށް މިއަދު މި ފުރުޞަތު ދެއްވީތީވެ، އަޅުގަނޑު ތިޔަ އެންމެހައި ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ދިވެހި ޤައުމު އާރާސްތު ކުރުމަށްޓަކައި އެކުވެރި މާހައުލެއް ޤާއިމުކޮށް، ރަނގަޅު ޖީލެއް ބިނާކުރުމަށްޓައި އެންމެން އެކުގައި ކުރާ ހެޔޮ ރަނގަޅު މަސައްކަތުގައި،  اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލެއްވުން. އަދި ދިވެހި ޤައުމާއި ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.