ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ފާސްކުރެއްވި ހަތަރު ބޭފުޅަކު، އެ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރައްވައިފިއެވެ.

މި ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ، ފާދިއްޕޮޅު ނައިފަރު، ނިކަގަސްދަށުގެ އަލްފާޟިލް ޤާސިމް ޢަބްދުލްކަރީމާއި، މާފަންނު ޕިސްތާގެ އަލްފާޟިލާ އާމިނަތު ޝާދިޔާއާއި، ގަލޮޅު ދޫރެސްވިލާ އަލްއުސްތާޛާ ޢާޝިޔަތު ޝިއުނާއާއި، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.