بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ސްޓޭޓް މިނިސްޓަރ، އަދި އިސްވެރިން، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ އިސްބޭފުޅުން، އަދި އަޅުގަނޑުމެންގެ ޒުވާން ކުރެހުންތެރިން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްގެ ގޮތުގައި ދެކެނީ، ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، މިއަދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ޒުވާނުންނަށް އަރިސްކުރުން.

އާދެ، އެއްވެސް ޝައްކެއްނެތް، ޤައުމެއް ކުރިއަރައިދަނީ، ޤައުމެއް ތަރައްޤީވެދަނީ، މިކަހަލަ ފަންނުތަކުގެ، އާދެ، ހުނަރުވެރި ޒުވާނުންތަކެއް. އެ ޤައުމެއްގައި އުފެދިގެން. އަޅުގަނޑު މި ހޯލުގެ އެތެރެ ބަލައިލާއިރު، އަޅުގަނޑަށް މި ފެންނަނީ ވަރަށް ހުނަރުވެރި، ވަރަށް ވިސްނުންތެރި ބަޔަކުދީފައި ހުރި ވަރަށް ރަނގަޅު މެސެޖުތަކެއް. އާދެ، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤުވެސް ވިދާޅުވިގޮތަށް ކުރެހުންތެރިޔާ، އެ ކުރެހުމުން އެ ދޭ މެސެޖުތަކަކީ އެއީ ވަރަށްގިނަ ވާހަކަތަކެއް. ކޮންމެ މީހަކީ ދުލުން އެ މީހެއްގެ މެސެޖުތައް ދޭނެ މީހެއްނޫން. އަޅުގަނޑަށް އަދި މާމޮޅު، މި ގޮތަށް ކުރެހުމެއްގެ ސިފައިގައި ކަންތައްތައް ކުރަންޖެހޭގޮތް، ޤައުމެއްގެ މުޖުތަމަޢުގައި ކަންތައްތައް ކުރިއަށް ގެންދަންޖެހޭ ގޮތާއި ހިނގަންޖެހޭ ގޮތް ކިޔައިދިނުން.

އާދެ، އަޅުގަނޑު ތިޔަ ހުރިހާ އާޓިސްޓުންނަށް، ހުރިހާ ކުރެހުންތެރިންނަށް ވަރަށްބޮޑަށް މަރްޙަބާ ދަންނަވަން. އާދެ، އެނގިވަޑައިގަންނަވާނެ، މިއަދުގެ ސަރުކާރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް، ދިވެހި ޒުވާނުންނަކީ ތަޢުލީމީ ޤާބިލު ބަޔަކަށް ހެދުމަށް. މިއަދު ޒުވާނުން ގަބޫލުކުރަންވީ ޙަޤީޤަތަކީ، އަޅުގަނޑުމެންނަށް ހަމައެކަނި، އޮންނަ ސަނަދަކުން އަދި ފުއްދައިނުލެވޭކަން. ދިވެހި ޒުވާނުންނަކީ ފަންނުވެރި، ހުނަރުވެރި، ވިސްނުންތެރި ބަޔަކަށްވާން އެބަޖެހޭ. މި ގޮތަށް މި ފަންނުވެރިކަން ގައިގައި އަށަގަތުމުން، އޭގެ ނަތީޖާއަކަށް ވެގެންދަނީ ދަތި އުނދަގޫ ވަގުތުތަކުގައި ގޮންޖެހުންތަކާ ކުރިމަތިލައި، ފަސޭހަކަމާއެކު މައްސަލަތައް ޙައްލުކޮށް، ގިނަ ބަޔަކާ ގުޅިގެން، މުޅި މުޖުތަމަޢުގެ މަސްލަޙަތުގައި މަސައްކަތް ކުރުމުގެ ވިސްނުން މީހާއަށް ލިބުން.

އަޅުގަނޑު މިއަދު ދިވެހި ޒުވާނުންނަށް ގޮވާލަން ބޭނުންވަނީ، ޒުވާންކަމުގެ، އެ ލިބޭ ރަނުގެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި އަޅުގަނޑުމެން ހުރިހާ ޒުވާނުން ހިފަން އެބަޖެހެޔޭ. ޤައުމައިގެން ކުރިއަށް ދިއުމުގައި ޒުވާނުންގެ ބަސް، ޒުވާނުންގެ ރޯލު، ކޮންމެ ކަމެއްގައި އޮންނަން އެބަޖެހޭ. ޒުވާން އުމުރަކީ ގިނަ ކަންތައްތައް ދަސްކޮށް، މުސްތަޤްބަލު ބިނާކުރުމަށްޓަކައި ލިބޭ އެންމެ ރަނގަޅު ވަގުތުކަން ދަނެގެން، ގަދައަޅައި މަސައްކަތް ކުރަން އެބަޖެހޭ.

އާދެ، މުޖުތަމަޢުގައި، ރީތި މިސާލު، ރީތި ނަމޫނާ ދެއްކޭފަދަ ބަޔަކަށް، އަޅުގަނޑުމެން ޒުވާނުން ވާންޖެހޭނެ. އާދެ، ޚާއްޞަ ގޮތެއްގައި ފަންނުވެރިކަން އިތުރުކުރުމަށާއި އަދި ޒުވާނުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމަށްޓަކައި ސަރުކާރުންދޭ ޚާއްޞަ ސަމާލުކަމެއްގެ ގޮތުން، އެ ދާއިރާއާބެހޭ، އާދެ، ފަންނުވެރިކަމާބެހޭ މިނިސްޓްރީއެއް މިވަނީ އުފެއްދިފައި. އަދި ހަމައެއާއެކު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ތެރެއިން ޚާއްޞަގޮތެއްގައި ޒުވާނުންނަށް އަމާޒުކޮށްގެން ވަރަށްގިނަ ކަންތައްތަކެއް ކުރެވެމުން އެބަދޭ. ހަމައެކަނި ކުރެވެމުންދާ ކަންތައްތަކަކީ ކުޅިވަރުން އެކަންޏެއްނޫން. ވަރަށްގިނަ ޕްރޮގްރާމްތަކެއް ޒުވާނުންނަށް އަމާޒުކޮށްގެން، ޒުވާނުންނަކީ ބޭނުންތެރި އަމިއްލަ އުފެއްދުންތެރި، ރަނގަޅު ބަޔަކަށް ހެދުމުގެ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. މި ކަމަށްޓަކައި މި ދެ މިނިސްޓްރީ ހިންގަވަން ތިއްބެވި ބޭފުޅުންނާއި އަދި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، މިއަދުގެ ސަރުކާރަކީ، ދިވެހި ރައްޔިތުންނާއި ދިވެހި ޒުވާނުންނާ ގާތް ގުޅުމެއް ބާއްވައި، ރައްޔިތުން ބޭނުންވާ އެންމެ ރަނގަޅުގޮތް ހޯދައިގެން ކަންތައްތައް ކުރާ ސަރުކާރެއް. އެހެންވީމާ، އަޅުގަނޑުމެން މިއަދު ސަރުކާރުގެ މަސައްކަތްތަކުގައި، ޤައުމުގެ ތަރައްޤީގެ ކަންތައްތަކުގައި، ޒުވާނުންގެ އެ ބައިވެރިވުމާއި، ޒުވާނުންގެ އެ ރޯލު އޮތުން އަޅުގަނޑުމެން ބޭނުންވޭ.

އެހެންވީމާ، އަޅުގަނޑު މިއަދު ދިވެހި ޒުވާނުންނަށް ގޮވާލަން ބޭނުންވަނީ، ތިޔަބޭފުޅުންނަށް ފުރުސަތުތައް އެބައޮތޭ. ސަރުކާރެއް މި އެކުލެވެނީ ޒުވާނުންނާއި މުޅި ރައްޔިތުންނާއެކު. ދިވެހި ޤައުމުގައި މި ފަސްގަނޑުގައި ކުރާ ކޮންމެ ކަމަކީ އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ކަމެއް. އެއީ ވަކި މީހަކަށް ނިސްބަތްވާ ކަމެއްނޫން.

އާދެ، އަޅުގަނޑު ދިވެހި ޒުވާނުންނަށް މި ފުރުސަތުގައި ހަމަ ނަޞޭޙަތެއްގެ ގޮތުންވެސް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެން މި ދެންނެވި ގޮތަށް، ޤައުމައިގެން ކުރިއަށް ދިއުމުގައި، އަމިއްލަ ރަނގަޅު ދިރިއުޅުމެއް ޤާއިމުކުރުމުގައި، ކޮންމެ މީހެއްގެވެސް އުޅުން ރަނގަޅުކުރުމަށްޓަކައި، ގަދައަޅައި މަސައްކަތްކުރަން އެބަޖެހޭ. އަޅުގަނޑުމެންނަކީ އަވަހަށް ނިދާ، އަވަހަށް ހޭލާ، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ ބަޔަކަށްވާން އެބަޖެހޭ. ބޭކާރުގޮތުގައި ވަގުތު ހޭދަނުކޮށް، ހޭދަކުރާ ކޮންމެ ވަގުތަކީ، ކޮންމެވެސް ފައިދާކުރުވަނިވި ކަމެއް ދަސްކުރާ ވަގުތަކަށް ހަދަން އެބަޖެހޭ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައިވެސް، ދުނިޔޭގެ އެހެން ޤައުމުތަކުގައި މައްސަލަތައް ހުރިގޮތަށް، އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރޭގައިވެސް ގިނަގުނަ މައްސަލަތަކެއް އެބަހުރި. މި ކަންތައްތައް ޙައްލުކުރުމުގައި، ހުރިހާ އެންމެން އެކުގައި މަސައްކަތްކުރަން އެބަޖެހޭ. އަޅުގަނޑުމެން ހަމައެކަނި މިގޮތަށް ފާހަގަކުރާ ދުވަސްދުވަހު، މިގޮތަށް ޕޯޑިއަމްތަކުގައި ހަމައެކަނި ވާހަކަދައްކާލައިގެނެއް، މި ކަންތައްތައް ޙައްލުކުރެވޭކަށް ނެތް. އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން އެ މައްސަލަތަކުގެ ތެރެއަށް ވަދެ، މައްސަލަތައް ޙައްލުކުރުމަށްޓަކައި ފަރުދީ ޒިންމާއާއި، ޖަމާޢަތުގެ އެންމެން އެއްކޮށް ގުޅިގެން ޒިންމާތަކެއް އަދާކުރަން އެބަޖެހޭ. އަޅުގަނޑުމެން ސަމާލުވެއްޖެނަމަ، މަގުމަތީގައި އުޅުމުގައާއި ދުއްވުމުގައި، އަޅުގަނޑުމެން ކަނޑުމަތީގައި ދަތުރުތައް ކުރުމުގައި، ސަމާލުވެއްޖެނަމަ، އެތައް ފުރާނަތަކެއް އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭނެ.

ޒުވާނުންނަށް އަޅުގަނޑު ޚާއްޞަކޮށް މިއަދު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޤައުމުގައި ވަރަށްގިނަ އަދަދަކަށް މަގުމަތީގެ އެކްސިޑެންޓުތައް ހިނގައި، ވަރަށްގިނަ ބަޔަކު އަޅުގަނޑުމެންނާ، މި ދުނިޔެއާ ވަކިވެގެން އެބަދޭ. އަދި އަނެއް ބަޔަކު ދާއިމީ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި ބަދަލުވެގެން އެބަދޭ. މިއީ މިއަދު ޒުވާނުން، އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނައި ރަނގަޅުކުރުމަށްޓަކައި ކޮންމެ މީހަކުވެސް ޢަޒުމް ކަނޑައަޅަންޖެހޭ ކަމެއް.

އާދެ، މުޖުތަމަޢުގެ ތެރޭގައި ހުރި އެހެނިހެން މައްސަލަތަކަކީވެސް ވަކި މިނިސްޓްރީއަކުން، ވަކި ޖަމާޢަތަކުން ވަކި ބަޔަކު އެކަނި ނިކުމެ ކުރެވޭނެ ކަންތައްތަކެއް ނޫން. ޤައުމީ މައްސަލަތައް ޙައްލުކުރެވޭނީ ހުރިހާ އެންމެން ގުޅިގެން. އަޅުގަނޑުމެން އެބަޖެހޭ އިޙްތިރާމުކުރާ ބަޔަކަށްވާން. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކަށް ހެޔޮކޮށްހިތައި، އަޅައިލާ ބަޔަކަށް އަޅުގަނޑުމެންވާން އެބަޖެހޭ. ބޮޑުވަމުން އަންނަ ތުއްތު ކުދީންނަށް ރީތި ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެންވާން އެބަޖެހޭ. ޚާއްޞަ ގޮތެއްގައި، ދިވެހިރާއްޖޭގެ ހީވާގި އަންހެން ބޭފުޅުންނަށް، އިތުރު ރޯލެއް ދެވޭގޮތަށް މުޖުތަމަޢުގައި ގިނަ މަސައްކަތްތައް ކުރެވޭ ގޮތަށް އެ ފުރުޞަތު ހޯދައިދޭން، އެ ޤަދަރު އަޅުގަނޑުމެން ދޭން އެބަޖެހޭ.

އާދެ، ނިންމާލުމުގެ ކުރިންވެސް، ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ކޮންމެ މީހަކީވެސް ޤައުމަށް ފައިދާހުރި، އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މީހެއްގެ ގޮތުގައި ޢަޒުމް ކަނޑައަޅާށޭ. އަޅުގަނޑު، އަޅުގަނޑުގެ ޢުމުރުން، އަޅުގަނޑު މިހާރު ދަންނަވާކަށް ނެތިން، އަޅުގަނޑަކީ ކޮންމެހެން ޒުވާނެކޭ. އެހެން ނަމަވެސް، އަޅުގަނޑު އުފާކުރާ ކަމަކީ، އަޅުގަނޑުގެ އެންމެ ޒުވާން އުމުރުގައި، 18 އަހަރުން ފެށިގެން އަޅުގަނޑު ވަޒީފާއަށް ދިޔަގޮތަށް ދުވަހަކުވެސް އިރާދަކުރެއްވިޔާ ވަޒީފާއަކާއި މަސައްކަތްކުރުމާ ދުރުގައި، އަޅުގަނޑު އެންމެ ދުވަހެއްވެސް ހޭދަނުކުރަން. އެއީ އަޅުގަނޑުގެ ޙަޔާތުގައި އަޅުގަނޑަށް މިހާތަނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން.

އަޅުގަނޑު ގޮވާލަން ބޭނުންވަނީ، ކަމެއް ދަސްވެހުރެ، ހުނަރެއް އެނގިހުރެ، ކިޔަވައިގެން ހުރެ، ބޮޑު ޚަރަދުތަކެއްކޮށް ކިޔަވައިގެން ތިބެ، ކަމެއް ދަސްކޮށްގެން ތިބެ، ވަޒީފާއެއް އަދާނުކޮށް، މަސައްކަތެއް ނުކޮށް ހުރުމަކީ އެއީ ވަރަށް ނިކަމެތިކަމެކޭ. ކޮންމެ މީހަކުވެސް، އެ މީހަކު ކުރިއަރާފައިވާ، ދަސްކޮށްފައިވާ ދާއިރާއަކުން ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތެއްކޮށް، މަސައްކަތެއް ކުރެވޭނޭ ޢަޒުމް އާކޮށް، ވަރުގަދަކުރަން އެބަޖެހޭ.

އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، ދިވެހި ޒުވާނުންނަކީ މުހިންމު ބަޔަކަށް، މުޖުތަމަޢުގެ ތެރޭގައި އިސްރޯލެއް އަދާކުރެވޭފަދަ ބަޔަކަށްވެގެން ދިއުން.

އަޅުގަނޑުގެ ދުޢާއަކީ ދިވެހިޒުވާނުން ކުރާ މަސައްކަތުގައި ބަރަކާތްލައްވައި، ފަންނުވެރި، ވިސްނުންތެރި، ހެޔޮލަފާ ބައެއްގެ ގޮތުގައި ޒުވާނުން اللَّـهُ سُبْحَانَهُ وَتَعَالَىٰ ލެއްވުން. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.