ފުރިހަމަ ގޮތެއްގައި ތަފާސްހިސާބު ބެލެހެއްޓުމަކީ ޤައުމެއްގެ އިޤުތިޞާދުގެ އުފެއްދުންތެރިކަން ދެނެގަތުމާއި، ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމާއި، އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ޚިޠާބުގައެވެ.

ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަފާސްހިސާބު ބަލަހައްޓައި، އެއްކުރާ މަޢުލޫމާތުގެ އަލީގައި ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމުގައެވެ. ހަމަ މި މޭރުމުން އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތައް އެކަށައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގައި އެކުލެވިގެންވާ ދާއިރާތަކުގެ އިތުރުން ދައުލަތް ހިންގުމުގައި ހިމެނޭ ކަންކަމަކީ ވެސް ތަފާސްހިސާބު ބޭނުންކޮށްގެން އެ ދާއިރާތަކުން ހާސިލުކުރެވޭ ކަންކަމާއި، ކުރިއެރުން ހޯދޭ މިންވަރު ދެނެގަނެވޭނެ ކަންކަން ކަމުގައެވެ.

މީގެ އިތުރުން، މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތުގައި ވެސް ތަފާސްހިސާބުގެ މުހިންމުކަން ފާހަގަވެގެން ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ގޮތުން، މި ބަލިމަޑުކަމުން އަރައިގަތުމަށް ޚަރަދުކުރުމާއި، ބަލި ފެތުރޭ މިންވަރު ދެނެގަތުމާއި، ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް ތަފާސްހިސާބުގެ ބޭނުންތެރިކަން ވަރަށް ބޮޑު ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ތަފާސްހިސާބުގެ ދުވަހެއް ފާހަގަކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާއެރުވުމުން، އެ ފަދަ ދުވަހެއް ފާހަގަކުރުމަށް ނިންމެވި މަޤްޞަދު ގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ ޤައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައި ވަނީ، ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުންދޭ އަހަންމިއްޔަތުކަން ފާހަގަކޮށް، ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއަޅައި، މި ދާއިރާއިން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފައިކުރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ. މި އަހަރު މި ދުވަސް ފާހަގަކުރަމުންދަނީ "އިތުބާރުހުރި ތަފާސްހިސާބުން ދުނިޔެ ގުޅައިލުން،" މި ޝިޢާރުގެ ދަށުންނެވެ.