މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ދޮރުތައް ބަންދުކުރެއްވުމުގައި، ކަސްޓަމްސްގެ މުވައްޒަފުންނަށްވުރެ ބޮޑު ޚިދްމަތެއް ކޮށްދެވޭނެ ބަޔަކު ތިބިކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކަސްޓަމްސްގެ 119 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމުގައި އެއްވެސް ދުލެއް ނުދެއްވައި މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައި، ހުރިހާ ބޭފުޅުންގެވެސް އެއްބާރުލެއްވުމަށް ގޮވާލެއްވިއެވެ. އަދި މިކަމުގައި ސަރުކާރުގެ ފަރާތުން ދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ކަސްޓަމްސްއަށް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ޙާލަތު މިއަދު އޮތް ގޮތުގެ މައްޗަށް ބައްލަވާލައްވަމުން، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި، ގްރޭޑް 8ން 10އާ ދެމެދުގެ ޢުމުރުގެ ކުދިންގެ ތެރެއިން ތިންބައިކުޅަދެބައި ކުދިންނަކީ، މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށްވާނެ ކަމަށް އެކިއެކި ތަފާސް ހިސާބުތަކުން އެނގިވަޑައިގެންފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. 9 އަހަރުގެ ކުދިންވެސް މަސްތުވާތަކެތި މިހާރު ބޭނުންކުރަމުން ގެންދާ ކަމުގެ މަޢްލޫމާތު ލިބިވަޑައިގެންފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަކީ، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި މައްސަލަކަން ބަޔާންކުރައްވަމުން، މަސްތުވާތަކެތީގެ ވިޔަފާރިއަކީ ވަރަށް ފުޅާ ދާއިރާއެއްގައި، ވަރަށް ބޮޑެތި ޢަދަދުތަކުގެ ފައިސާ ހިމެނޭގޮތަށް ކުރެވެމުންދާ ވިޔަފާރިއެއް ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި މިހުޅުވިފައިމިވާ ބޮޑު ސަރަޙައްދު ކޮންޓްރޯލް ކުރުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫން ކަމަށާއި، މިކަމުގައި ހުރި ދަތިކަން އެމަނިކުފާނަށްވެސް ވަރަށް ބޮޑަށް އިޙްސާސް ކުރެއްވޭ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި ކަސްޓަމްސް ސަރވިސްގެ އޮފިސަރުން ވަރަށް އަވަދިނެތި ވަރަށްބޮޑު ޚިދްމަތެއް ކުރައްވަމުން ގެންދަވާތީ، އެކަން ފާހަގަކުރައްވައި، ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ކަސްޓަމްސްއަކީ ރާއްޖެއަށް އާމްދަނީ ހޯދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ދާއިރާއެއްކަން ނައިބު ރައީސް ފާހަގަކުރައްވަމުން، އެންމެބޮޑު ރެވެނިއުއެއް ލިބެމުން އަންނަ އެއްދާއިރާއަކީ ކަސްޓަމްސް ކަމުގައި ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި، އެންމެ ރަނގަޅު ކަމަށް ފާހަގަކުރެއްވޭ މުވައްޒަފުންނަށް ހަނދާނީ ފިލައާއި، ހަނދާނީ ލިޔުން ދެއްވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. އަދި ހަތަރު ބޭފުޅަކަށް ޚާއްޞަ ހަނދާނީ ފިލައާއި ލިޔުން ދެއްވީވެސް އެމަނިކުފާނެވެ.

ވަޒީފާއިން މުސްކުޅި ކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލައާއި، ޚިދްމަތުގައި ދެމި ތިއްބެވި މުވައްޒަފުންގެ ތެރެއިން 20 އަހަރު ދުވަހުގެ މުއްދަތަށް ޚިދްމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ކަސްޓަމްސްގެ ރަން ބެޖާއި، އަދި އެކިއެކި މުބާރާތްތަކުގައި ބައިވެރިވެގެން ކަސްޓަމްސްއަށް ރީތި ނަން ހޯދައިދީފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލައާއި ލިޔުން ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް މުޙަންމަދު އަސްވާނެވެ.