އިންޑިޔާ ކަނޑުގައި އުޅެމުންދާ ބޮޑުމަހާއި ކޯމަސް ޙިމާޔަތް ކުރުމާބެހޭ މަޝްވަރާ ބައްދަލުވުމެއް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މިބާއްވަވާ ބައްދަލުވުން ހިނގަމުންދަނީ ޕެރެޑައިސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، މިއަހަރަކީ ބޮޑުމަހާއި ކޯމަސް އިންޑިޔާ ކަނޑުގައި ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދަށް 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. ބައިނަލްއަޤްވާމީ ވޭލިންގ ކޮމިޝަނުން ކަނޑައަޅާފައިވާ ޤަރާރުގެ ދަށުން އެސަރަޙައްދު ޙިމާޔަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބޮޑުމަހާއި ކޯމަހުގެ ވިޔަފާރިކުރުން ހުއްޓުވުންކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވާހަކަފުޅު ދައްކަވަމުން، މިސަރަޙައްދު ޙިމާޔަތްކުރުމުގެ ސަބަބުން ހާސިލުކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ހާސިލު ކުރެވިފައިވީނަމަވެސް، ބޮޑުމަހާއި ކޯމަސް ޙިމާޔަތްކުރުމަށް ކުރަންޖެހިފައިވާ ވަރށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރިކަމުގައި ވިދާޅުވިއެވެ. އަދި، މިސަރަޙައްދު ޙިމާޔަތްކުރެވިފައިވުމުގެ ސަބަބުން، މިސަރަޙައްދުގައި ބޮޑުމަހާއި ކޯމަސް އިތުރުވެގެން ގޮސްފައިވާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މިމަޝްވަރާ ބައްދަލުވުމުގެ މައިގަނޑު އެއް ބޭނުމަކީ، ސަރަޙައްދު ދިރާސާކުރާ ފަރާތްތައް، އެފަރާތްތަކުގެ ހޯދުންތަކާއި ޚިޔާލުތައް އެއްބަޔަކު އަނެއްބަޔަކާ ޙިއްސާކޮށް އިތުރު ތަހުލީލުތައް ކުރާނެ ގޮތްތައްހޯދައި ދެނެގަތުމެވެ. މިބައްދަލުކުރެއްވުމުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މާހިރުންނާއި ދިރާސާކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.