ދިވެހި ސިފައިންނާއި މާލޭ މުނިސިޕަލްޓީއާއި އަވަށުއޮފީސްތައް ގުޅިގެން މާލެ ވިލިނގިލި އަދި ހުޅުމާލެ ސާފުކުރެއްވުމަށް މިއަދު ހިންގެވި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙު ކުރެވިގެންދިޔައީ، ޘަޤާފީ ކުޅިވަރުތަކާއެކު، މިއަދު ހެނދުނު މުނިސިޕަލްޓީ ކޮށީގައި އޮތް ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕްރޮގްރާމް ރަސްމީ ގޮތުން އެމަނިކުފާނު ފަށްޓަވައިދެއްވީ، ދަރުބާރުގޭ ފުރަގަހުގައި އޮންނަ އުސް ފަސްގަނޑުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޕްރޮގްރާމް ފަށްޓަވައިދެއްވުމަށްފަހު، މާލޭގެ ކޮންމެ އަވަށަކަށް ވަޑައިގެން، ޕްރޮގްރާމްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން، މަގުތައް ސާފުކުރުމާއި، ކުނި ނެގުމުގެ މަސައްކަތުގަޔާއި އަދި ކާނުތައް ސާފުކުރުމުގެ މަސައްކަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވިލިނގިލީ އަވަށަށާއި ހުޅުމާލެއަށްވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

މާލެއާއި، ވިލިނގިލީ އަވަށާއި، ހުޅުމާލެ ސާފު ކުރުމަށް މިއަދު މިހިންގެވި ޕްރޮގްރާމަކީ، މިނިވަންދުވަހަށް ތައްޔާރުވުމަށްޓަކައި ހިންގެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ މުވައްޒަފުންނާއި، ޢާންމުންގެ ވަރަށްގިނަ ޢަދަދެއްގެ ބަޔަކުވެސް ޢަމަލީގޮތުން ބައިވެރިވިއެވެ.