ޤާނޫނުއަސާސީގައި ބުނާ މިނިވަން މުސްތަޤިއްލު ޝަރްޢީ ނިޒާމެއް ޤާއިމު ކުރެއްވުމަށް ސަރުކާރުން އަބަދުވެސް ފިޔަވަޅު އަޅުއްވާނެ ކަމަށާއި، ސަރުކާރުން ޝަރީޢަތަކާ ބެހިވަޑައެއްނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އަދި އެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު ދެއްވައިފިއެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ރޭޑިއޯ ޚިޠާބުގައެވެ.

އެހެން ނަމަވެސް، އެމަނިކުފާނު ވިދާޅުވީ، ކަނޑައެޅިގެން މާބޮޑަށް ޤާނޫނީ ހަމަތަކާ އެއްފަރާތަށް ޖެހިވަޑައިގެން ހުންނަވާ ޤާޟީއަކު ހާމަވެއްޖެނަމަ، އެފަދަ ބޭފުޅެއްގެ ތަޙްޤީޤު ކުރެވެންވާނެ ކަމަށާއި، އަޅުގަނޑުމެން މިއެދޭ ދައުލަތާއި ހެޔޮވެރިކަން ޤާއިމު ކުރެއްވުމަށް މިޤައުމުގައި ޚިޔާނާތްތެރިންނަށް ޖާގައެއް ނޯންނާނެ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، މައިގަނޑު ގޮތެއްގައި ބައްލަވާލެއްވި އެއްމައްސަލައަކީ، ބޭންކް އޮފް މޯލްޑިވްސް އޯޑިޓް ރިޕޯޓާ ގުޅިގެން، މޯލްޑިވްސް ޕޮލީސް ސަރވިސްއިން ކުރައްވަމުން ގެންދަވާ ތަޙްޤީޤަށް ޖިނާއީ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުހަންމަދު ހުރަސް އަޅުއްވާފައިވާ މައްސަލައެވެ.

ޝަރީޢަތުގެ ދާއިރާ މުސްތަޤިއްލު ގޮތުގައި، މިނިވަން ގޮތުގައި އޮތުމަކީ، ކިތަންމެހާވެސް މުހިންމު ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، ޤާޟީންނާ ގުޅޭގޮތުން ޚާއްޞަކޮށް، ކޯޓުގެ ސުލޫކީ ކަންކަމާ ގުޅޭގޮތުން ޤާޟީންގެ ތަޙުޤީޤުކޮށް ހެދުމަކީ، ފުލުސް އޮފީހުގެ ވާޖިބެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ޤާޟީންގެ ކަންކަމާ ގުޅޭގޮތުން، ޚާއްޞަކޮށް ސުލޫކީ ކަންކަމާ ގުޅޭގޮތުން ތަޙްޤީޤެއް ކުރުމަކީ ނެތްކަމެއް ނޫން ކަމަށާއި، އެކަން ކުރުމަށް ގާނޫނުއަސާސީގައި ކަނޑައަޅާ ބަޔާންކޮށްފައިވާ މުއައްސަސާއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދުގެ މައްސަލަ ތަޙްޤީޤުކޮށްދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށާއި، އަދި ކޯޓު އަމުރު ނެރުއްވުމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފު ކުރެއްވުމަށްވެސް ސަރުކާރުން ފަސްޖެހިވަޑައެއްނުގަންނަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި މިއަދު ދެން ބައްލަވާލެއްވީ، މިދިޔަ ބުދަ ރައްޔިތުންގެ މަޖިލީހުގައި ހިނގި ކަންތައްތަކުގެ މައްޗަށެވެ. މިކަމުގެ މައްޗަށް ބައްލަވާލައްވަމުން، އެދުވަހު މަޖިލީހުގައި ކަންހިނގާދިޔަގޮތާމެދު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާކަން އެމަނިކުފާނަށް އިޙްސާސް ކުރެއްވޭ ކަމުގައި ވިދާޅުވިއެވެ. ”ރައްޔިތުންގެ މަޖިލީހުގައި ނޫނަސް އަދި އެހެން ތަނެއްގައި ނަމަވެސް، އެއް އިންސާނަކު އަނެއް އިންސާނަކަށް ޖިސްމާނީ ޙަމަލާއެއް ދީފާނެ ކަމުގެ އިންޒާރެއް ކުރުން އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. އެއްވެސް ބޭފުޅަކު އަތް އިސްކުރާނެ ކަމަށް، އަނެއް ބޭފުޅަކަށް ޙަމަލާއެއްދޭނެ ކަމަށް އަޑުން އަޑުހަރުކޮށް ވިދާޅުވެ، އެބާވަތުގެ ވާހަކަ ދައްކަވައި ހެއްދެވުމަކީ ރަނގަޅު ގޮތެއް ނޫން.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދައުލަތް ހިންގުމުގެ އެންމެހާ އުޞޫލުތައް، ޤާނޫނުއަސާސީން ކަނޑައަޅާފައިވީހިނދު، ޤާނޫނުއަސާސީ ދަމަހައްޓަވައި ދިފާޢު ކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއްކަން ބަޔާން ކުރައްވަމުން، މިނިވަން މުސްތަޤިއްލު ޝަރްޢީ ނިޒާމެއް ޤާއިމު ކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ސަރުކާރު ފަހަށްނުޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ބާރުއެޅުއްވުމަކީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން އެމަނިކުފާނު ކުރައްވަން މަޖުބޫރު ކަމެކެވެ. ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށް ޤާނޫނުއަސާސީ އެމަނިކުފާނުގެ މައްޗަށް ލާޒިމްކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަކީ، ޤައުމީ ޔުނިވަރސިޓީގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރެއްވިއެވެ. އަދި ޤައުމީ ޔުނިވަރސިޓީ ފެށުމުގެ ކުރިންވެސް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީއެއްގެ ގޮތުގައި ކުއްލިއްޔާ ހަމަޖެއްސެވުމުގެ އިންތިޒާމުތައް މިހާރުން މިހާރަށް ފެށްޓެވުމަށްވެސް ސަރުކާރުން ނިންމަވާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ރޭޑިއޯ ޚިޠާބު ނިންމަވާލެއްވީ، ބަރަކާތްތެރި ރޯދަމަސް އަންނައިރު، ވީހާވެސް ހެޔޮ އަގެއްގައި ބާޒާރުގައި ތަކެތި ލިބެން ހުންނާނެގޮތް ހެއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ވިޔަފާރިވެރިންނަށް ދިމާވެދާނެ ދަތިތަކެއް އޮތްތޯ ބައްލަވައި، ސަރުކާރަށް ވެވަޑައިގެންނެވި މިންވަރަކުން އެދަތިތައް ފިލުއްވައިދެއްވާނެ ކަމުގެ ޔަޤީންކަން ވިޔަފާރިވެރިންނަށް ދެއްވާފައިވާ ކަމުގައި ވިދާޅުވަމުންނެވެ.