އޮޑިޓް ޤާނޫނު (ޤާނޫނު ނަންބަރު: 2007/4) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

އޮޑިޓް ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ މި ބިލަކީ މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާހުގައި އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިނިވަންކަމާއި ޢަދުލުވެރިކަމާއިއެކު، ތަޢައްޞުބުން އެއްކިބާވެ، ވަކި ނުފޫޒަކަށް ލެނބުމެއްނެތި މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ.

ހަމައެއާއިއެކު، މި ބިލުގައި އޮޑިޓަރ ޖެނެރަލްގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކަށް އިޞްލާޙު ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، އޮޑިޓަރ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން އޮޑިޓް ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.