ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ސްޓްރެޓެޖީ ފޮރ ޑިޒާސްޓަރ ރިޑަކްޝަންގެ ރީޖަނަލް ޗެމްޕިއަން އަދި ފިލިޕިންސްގެ ސެނެޓަރ އޮނަރަބްލް ލޮރެން ލެގާރޑާ މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ސެނެޓަރ ލެގާރޑާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަކީ ޑިމޮކްރަސީގެ ނަމޫނާ ޝަޚްޞިއްޔަތެއް ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި، ރައީސް ނަޝީދަކީ ބައިވެރިއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ދިހައަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މަޝްރޫޢަކީ، ވަރަށް ފުރިހަމަ އަދި މުހިންމު މަޝްރޫޢެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ހަމައެކަނި މޫސުމާ ގުޅިފައިވާ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް އެއީ، އިންސާނީ ޙައްޤުތަކާއި، ޤައުމުތަކުގެ ސަލާމަތާ ގުޅިފައިވާ މައްސަލައެއް ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން ސަލާމަތްވުމަށާއި، އެކަމުގެ އަސަރުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު ކަމަކަށްވާންވާނީ، ހެޔޮވެރިކަމެއް ކުރުމާއި، ޑިމޮކްރަސީގެ އަސާސްތައް އަށަގަންނުވައި ފުރިހަމަކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ކޯޕަންހޭގަން ސަމިޓްގައި ކުދި ޤައުމުތަކުން އެއްބައިވަންތަކަމާއެކު އެއް ރޫޙެއްގައި ބައިވެރިވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސެނެޓަރ ލެގާރޑާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދިމާވެދާނެ ޤުދުރަތީ ހާދިސާއަކުން ރައްކާތެރިވުމަށާއި، އެފަދަ ހާދިސާއެއްގެ ވަގުތުގައި ކަންކަން ގެންދާނެގޮތުގެ ޢަމަލީ މަޝްރޫޢެއް އެކުލަވާލުމުގައި، ޔޫ.އެން.އައި.އެސް.ޑީ.އާރު.އިން އެހީތެރިކަން ފޯރުއްވައިދެއްވުމަށް ތައްޔާރަށް އޮތް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލުކުރާނެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގައިވެސް އެހީތެރިކަން ފޯރުއްވައިދެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި އޭނާ ވިދާޅުވިއެވެ.

ސެނެޓަރ ލެގާރޑާ މިހާރު ރާއްޖެއަށް މިހާރު ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގެ އެންމެ ބޮޑު އެއްބޭނުންފުޅަކީ، މޫސުމަށް އަންނަ ބަދަލުތަކާއި، ކާރިސާތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގެއްލުންތައް، މީޑިއާގެ ސަމާލުކަމަށް ގެންނެވުމެވެ.