بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْـدُ للهِ رَبِّ الْعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أشْرَفِ الأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَـى آلِـهِ وَصَحْبِــهِ أَجْمَـعِــيْن.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމް، އަލްމަރުޙޫމް ޙުސައިން މުޙައްމަދުގެ އާއިލާގެ ބޭފުޅުންނާއި، އަދި، މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ރަޙްމަތްތެރިން. އަދި، މިޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ދިވެހިރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަލްމަރުޙޫމް ޙުސައިން މުޙައްމަދާ ގުޅޭގޮތުން، އެއްވެސް އެއްޗެއް ދަންނަވާ ކަމަށްވަންޏާ، އެންމެ ފުރަތަމަވެސް އަޅުގަނޑަށް ދެންނެވޭނީ، ޙުސައިން މުޙައްމަދަކީ ވަރަށް ހިތްޕުޅުހެޔޮ، ސާދާ މިޒާޖެއްގެ ބޭފުޅެކޭ. އަޅުގަނޑުމެންނަށް ދުވަހަކުވެސް، ޙުސައިން މުޙައްމަދުގެ ފަރާތަކުން ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ފެނިފައެއްނުވެއޭ.

އާދެ، އަޅުގަނޑަށް އަލްމަރުޙޫމް ޙުސައިން މުޙައްމަދާ، އެންމެ ފުރަތަމަ ބައްދަލުވީ އަޅުގަނޑުގެ އުފަން ގެއިން. އާދެ، ޏ. ފުވައްމުލަކުގައި، 2003 ވަނަ އަހަރު. އާދެ، އެ ދުވަހު އަޅުގަނޑާ ޙުސައިން މުޙައްމަދާ ބައްދަލުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމާ އެއްކޮށް.

އާދެ، އަޅުގަނޑަށް ޙުސައިން މުޙައްމަދާ އެކުގައި، މަސައްކަތް ކުރުމުގެ ފުރުސަތުތަކެއް ލިބިގެންދިޔަ. 2004 ވަނަ އަހަރު ޚާއްޞަ މަޖިލީހުގައާއި، އަދި ނިމިގެންދިޔަ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި، މި ދެންނެވި ގޮތަށް އެ ފުރުސަތު ލިބިގެންދިޔަ. އަޅުގަނޑަށް އަބަދުވެސް ޙުސައިން މުޙައްމަދު ފާހަގަކުރެވިފައިވަނީ، ކަންތައްތަކަށް އިރުޝާދު ދެއްވާ ބޭފުޅެއްގެ ގޮތުގައި. އަބަދުވެސް ކަންތައްތައް ރަނގަޅުމަގުން ކުރުމަށްޓަކައި ވަރަށްބޮޑަށް އެކަމުގެ ހެޔޮލަފާ ދެއްވާ ބޭފުޅެއްގެ ގޮތުގައި. އަޅުގަނޑަށް މަޖިލީހުގެތެރޭގައިވެސް އެންމެ އުނދަގޫކޮށް ދިމާވި ދުވަހެއް ކަމަށްވަންޏާ، އެ ދުވަހެއްގައި ޙުސައިން މުޙައްމަދުގެ ނަސޭހަތް ނުވަތަ ޙުސައިން މުޙައްމަދުގެ ލަފާ، އެކަމެއްގައި ލިބިފައިވޭ. އަޅުގަނޑަށް މިދެންނެވި ގޮތަށް، ޚާއްޞަކޮށް ނިމިގެންދިޔަ ދައުރުގެ މަސައްކަތް ކުރުމުގައި މަޖިލީހުގެތެރޭގައި އެންމެ ގާތްކޮށް މަޝްވަރާކުރެވި، ވާހަކަދެކެވުނު އެއްބޭފުޅަކަށް ވެގެންދާނީ ޙުސައިން މުޙައްމަދު.

އާދެ، އަޅުގަނޑު ދަންނަވާނީ، އެހެނިހެން ބޭފުޅުންވެސް އެ ފާހަގަކުރެއްވި ގޮތަށް، ޙުސައިން މުޙައްމަދުގެ އެންމެ ފާހަގަކުރެވޭ ސިފަޔަކީ، މި ދެންނެވި ގޮތަށް، ހިނިތުންވުމާއި، އެއްވެސް މީހަކާ ދޭތެރޭގައި ހިތްބުރަކަމެއް ނޯންނަކަން. މިއީ އަޅުގަނޑުހިތުން އަޅުގަނޑުމެން ހުރިހާ އެންމެންވެސް ގަބޫލުކުރާކަމެއް.

އާދެ، ޙުސައިން މުޙައްމަދުގެ ޚިދުމަތަށް ބަލާއިރު، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަދި ވަކީން ޚާއްޞަކޮށް، މީޑިއާގެ ދާއިރާގައި، ޙުސައިން މުޙައްމަދު ކުރައްވާފައިވާ އަގުނުކުރެވޭ ޚިދުމަތްތަކަކީ އެއީ، އަޅުގަނޑުމެން މިއަދު އެކަން ފާހަގަކުރާ ކަންތައްތައް. އާދެ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ޙުސައިން މުޙައްމަދުގެ ނެތިދިޔުމަކީ، އެއީ، އަޅުގަނޑުމެންނަށް ހަމަ ފޫނުބެއްދޭވަރުގެ ކަމެއް.

އާދެ، ވަރަށްބޮޑަށް ފާހަގަކުރެވޭ، ޙުސައިން މުޙައްމަދަކީ، އުނދަގޫ ވަގުތުތަކުގައި ވަރަށް ޙިކުމަތްތެރިކަމާއެކު، ވަރަށް ވިސްނުންތެރިކަމާއެކު، ކަންތައްތައް ކުރައްވާ ބޭފުޅެއްގެ ގޮތުގައި. އާދެ، ފަހަކަށްއައިސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ވަރަށްގިނައިން ގުޅުއްވައި، ވަރަށް ހެޔޮނަސޭހަތް ދެއްވައި، ކަންތައްތަކަށް ހިތްވަރުދެއްވާ. އަޅުގަނޑަށް ހަމަ ބައްޕައެއްފަދަ ގޮތަކަށް، ޙުސައިން މުޙައްމަދާ ދޭތެރޭގައި، ދެކެވޭހާވެސް ގާތުން އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތް ކުރެއްވި.

އާދެ، މިކަމަށްޓަކައި، އަޅުގަނޑު ޙުސައިން މުޙައްމަދުގެ އާއިލާގެ ބޭފުޅުންނަށް، މި ޖަލްސާގައި، އެ ބޭފުޅުންނަށް މިއަދު ކުރިމަތިވެފައިވާ ކަންތައްތަކަށް، އާދެ ކެތްތެރިކަން ދެއްވުމަށް އެދި އަޅުގަނޑު ހަމަ ދުޢާކުރަން. އަދި ޙުސައިން މުޙައްމަދުގެ ފުރާނަފުޅަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ހަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ މި ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.