بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. އަދި ދިވެހިންގެ މެދުގައި ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ، އެންމެހައި ބޭފުޅުންނަށާއި، އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށްވެސް ތަހުނިޔާ ފޮނުވަމެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، އެ ދައުލަތެއްގެ ރައްޔިތުންނަށް ލިބެންވާ މިނިވަންކަމާއި ޙައްޤުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރުކުރުމާއެކު، ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތްކަން ކަށަވަރުކުރުމާއި، އެކަމަށް މަގު ފަހިކޮށްދިނުމެވެ. ހަމައެފަދައިން ދައުލަތް ހިންގުމުގެ ކަންކަން، ނަޒާހަތްތެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒިންމާދާރުކަމާއެކު ކުރަމުން ގެންދިޔުމަށް ބާރުއެޅުމާއެކު، އެކަމަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުމެވެ.

މި އަހަރުގެ ޑިމޮކްރަސީ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ އަނދިރިކަން މުޅި ދުނިޔެއަށް ފެތުރި، ޤައުމުތަކުގެ ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް، މުޅިންހެން ހުއްޓިފައިވާ ދުވަސްވަރެއްގައެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި، ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން، ދިވެހި ދައުލަތުގެ އެންމެހައި ގުނަންތައް، އެއް ހަށިގަނޑެއް ފަދައިން މަސައްކަތް ކުރުމަކީ، ޤައުމުގެ މަޞްލަޙަތަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. ހަމައެފަދައިން ފަރުދީ ފެންވަރުގަޔާއި ޖަމާޢަތުގެ ފެންވަރުގައި، ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވެއެވެ.

ޑިމޮކްރަސީ ޤާއިމުވެފައިވާ ދައުލަތެއްގައި، ރައްޔިތުންނަށް ވަރަށް ގިނަ ޙައްޤުތަކެއް ލިބިގެންވާކަން، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަމެވެ. އެ ޙައްޤުތަކާއެކު، ރައްޔިތުންގެ ކޮނޑުގައި ވަރަށް މަތިވެރި ޒިންމާތަކެއްވެސް އެޅިގެންދާކަމީ ޙަޤީޤަތެކެވެ. ހަމައެފަދައިން، ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި، ދައުލަތުގެ މުވައްޒަފުންގެ ކޮނޑުގައިވެސް، މަސްއޫލިއްޔަތުތަކެއް އެޅިގެންދާކަން ގަބޫލުކުރަންޖެހެއެވެ. ޑިމޮކްރަސީއަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ކަމުގައި ބުނެވެނީ، މި ދެންނެވި ޙައްޤުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ގެތިފައިވާ ސިލްސިލާގެ ބަދަހިކަމުންނެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މި ދެންނެވި ސިލްސިލާގެ ގުޅުމަށް ވަނީ ބުރޫއަރައިފައެވެ. ޑިމޮކްރަސީން ކަށަވަރުކޮށްދޭ ކިތަންމެ ޙައްޤެއް، އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއްވަނީ މެދުވެރިވެފައެވެ. އެހެން ނަމަވެސް، މި ޙާލަތުގައިވެސް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުން މި އަންނަނީ، ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރި ކޮށްދިނުމަށެވެ. އޭގެ ތެރެއިންވެސް އެންމެ އިސް ޙައްޤު ކަމުގައިވާ، ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމުގެ ޙައްޤަށް އުނިކަމެއް އަޔަނުދިނުމަކީ، މި ޙާލަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތެވެ.

ޑިމޮކްރަސީގެ ފުރިހަމަ މަންފާ އަލުން އަނބުރާ ހޯދުމަށްޓަކައި، އަޅުގަނޑުމެން އެންމެން ގަދައަޅައި މަސައްކަތް ކުރަންވީ، ކޯވިޑް-19ގެ ނުރައްކަލުން ވީއެންމެ އަވަހަކަށް މިންޖުވުމަށެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީ ޒިންމާގެ ދައުރު ފުޅާކޮށް، އިޖުތިމާޢީ ގައިދުރުކަމަށް އިސްކަން ދިނުމަކީ، މިއަދު އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކަންތަކެވެ. އަޅުގަނޑުމެންގެ އިޤްތިޞާދަށް ދިރުން ގެނައުމަށްޓަކައިވެސް، ކޯވިޑް-19އާ ދެކޮޅަށް، އެންމެން އެކުގައި މަސައްކަތް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެމާތޯއެވެ! މިއީ މިއަދު މުޅި ދިވެހި އުންމަތުގެ އާދޭހެވެ. އެންމެންގެ މަޞްލަޙަތާއި އެންމެންގެ ލާބަ ހުރިގޮތެވެ.

ކޯވިޑް-19ގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރި ކުރައްވައި، ފާގަތި ތަނަވަސް ދުވަސްތަކެއް ވަރަށް އަވަހަށް ދިވެހިންނަށް މިންވަރު ކުރެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.