އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ހެންވޭރު ނޫމުތީ އަލްފާޟިލް މުޙަންމަދު އިބްރާހީމްގެ ނަންފުޅާއި، އައްޑުއަތޮޅު މަރަދޫފޭދޫ ބަގީޗާގޭ އަލްފާޟިލް ޙަސަން ޝާހުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅުއްވައިފިއެވެ. މި ދެބޭފުޅުންގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢާންމުކޮށް އިޢްލާން ކުރެއްވުމާ ގުޅިގެން، އިޖާބަ ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަރިއަތޮޅު އުތުރުބުރީ އުކުޅަސް ފިފްޓީފްލާވަރ އަލްއުސްތާޛު ޙުސައިން ސިރާޖުގެ ނަންފުޅުވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ. މި ތިން ބޭފުޅުންގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް އިއްޔެ މި ހުށަހެޅުއްވީ މި ނަންފުޅުތައް ހުށަހެޅުއްވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާތީއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރައިސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހެޅުއްވި ފަސް ބޭފުޅުންގެ ތެރެއިން 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވަނީ، ގަލޮޅު ކަލާވެހި އިބްރާހީމް ވަޙީދުގެ ނަންފުޅާއި، މައްޗަންގޮޅީ ތަޅަމުދިގޭ ފުއާދު ތައުފީޤުގެ ނަންފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ މި ތިން ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އެމަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ތިން ބޭފުޅުންނަކީވެސް، އިންތިޤާލީ މަރްޙަލާގައި އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަނުގައި މުސްތަޤިއްލުކަމާއެކު، ޒިންމާދާރު މަސްއޫލިއްޔަތުތަކެއް އަދާކުރައްވަމުން ގެންދަވާފައިވާ ތިން ބޭފުޅުންކަން ފާހަގަކުރައްވާފައިވެއެވެ.