ތަޢްލީމާއި ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ އާބާދީއަކަށް މެނުވީ، އަދުގެ ދުނިޔޭން ތަނަވަސްވާ ފުރްޞަތުގެ ބޭނުން ހިފާ ކުރިއަރައި ދިޔުން ދަތިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދަކީ ދުނިޔޭގެ އާބާދީ ދުވަސް ކަމަށްވުމާއެކު، މިމުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، މިސަބަބަށްޓަކައި އާބާދީގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެނަޒަރުން ބަލާއިރު، ޤައުމަށް އެންމެ ފައިދާބޮޑު އެއްގޮތަކީ، އަންހެނުންގެ މާލީ ތަނަވަސްކަމާއި ފުދުންތެރިކަން އިތުރުވަމުން ދިޔުން ކަމުގައި މިއަދުގެ ޢިލްމީ ޙަޤީޤަތްތަކުން ސާބިތުވެއެވެ.

މިއަހަރުގެ އާބާދީ ދުވަސް ފާހަގަކުރަމުން މިދަނީ، އަޅުގަނޑުމެން އެންމެ ހިތްއެދޭފަދަ އިޤްތިޞާދީ ޙާލަތެއްގައި ކަމަށްނުވިޔަސް، އެކަންވެސް އެގޮތުގައި ބަލައިގަތުމަކީ މިވަގުތަށް އޮތް އަޚްލާޤީ ޒިންމާއެއް ކަމަށް ވިދާޅުވެ، މިއީ ދުނިޔޭގެ މާލީ ބާޒާރު ބަނަވެ، އިޤްތިޞާދީ ހަލަބޮލި ކަމެއް، މުޅި ދުނިޔޭގައި ހިނގަމުންދާ ދުވަސްވަރެއްކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އޭގެ ނޭދެވޭ އަސަރުން ދިވެހިރާއްޖެ ވަކިން އިސްތިސްނާއެއްނުވާ ކަމަށާއި، މިފަދަ ކޮންމެ ދަނޑިވަޅެއްގެ ނުރަނގަޅު އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަކީ، މުޖްތަމަޢުގައި ދިރިއުޅޭ އާބާދީގެ ތެރެއިން އެންމެ އާދައިގެ ނިކަމެތިން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިރޮނގުން އެމަނިކުފާނުގެ ޚިޠާބު ކުރިއަށް ގެންދަވަމުން، އެފަދަ މީހުންގެ ކޮންމެ ސަތޭކައަކުން ހަތްދިހައަކީ އަންހެނުން ކަމަށް ދުނިޔޭގެ ތަފާސް ހިސާބުތައް ބުނެދޭ ކަމަށާއި، މި ޙަޤީޤަތުގެ މައްޗަށް ބުރަވާނަމަ، މިވަގުތު ކުރިމަތިވެފައިމިވާ އިޤްތިޞާދީ ހީނަރުކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށްވެސް އެންމެ ބޮޑަށް ފޯރާނެ ބަޔަކީ، ދިވެހި އަންހެން ކަނބަލުންކަން މިވަނީ ގަބޫލުކުރަން ޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުރިހަމަކުރުމަށް އިންވެސްޓް ކުރުމުގައި، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅި، ލާމެހި އެކުއެކީ ޙިއްޞާވުމުގެ ސިޔާސަތު ހުޅުވާލެވިފައި މިވަނީ، ދުނިޔެއަށް ލޯހުޅުވި، ކުރިއެރުންތަކުގައި ފަސްނުޖެހޭނެ ދިވެހި އާބާދީއެއް އުފެއްދުމަށްޓަކައިކަން ބަޔާން ކުރައްވާފައިވެއެވެ. އަޅުގަނޑުމެންގެ ޤުދްރަތީ ވަސީލަތްތަކުގެ ބޭނުންހިފައި، އޭގެ ނަފާ ރާއްޖޭގެ ކަންކޮޅުތަކަށް ވީއެންމެ އަވަހަކަށް ފޯރުވައިދިނުމަށް ސަރުކާރުގެ ސިޔާސަތުވަނީ އެކަށައެޅިފައި ކަމަށާއި، އަދި މި ސިޔާސަތު ނަގަހައްޓައި ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އިރާދަކުރެއްވިއްޔާ ސަރުކާރަށް އެބައޮތްކަން އެމަނިކުފާނުގެ ޚިޠާބުގައި ހާމަކުރައްވާފައިވެއެވެ. އަދި މިލަނޑުދަނޑި ޙާޞިލު ކުރުމަށް ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާއި އަދި ކެތްތެރިކަމާއެކު އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި، ނައްތާލައްވަންޖެހޭ ހުރަސްތައް ސަރުކާރުން ގެންދަވަނީ ނައްތާލައްވަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެބައެއްގެ ޒުވާން ޖޯޝް ހޫނު ލެއިން ވެވުނު މިންވަރަކުން ޤައުމަށް ޚިދްމަތް ކުރުމަށްފަހު، ޢުމުރުން ދުވަސްވުމަކީ ހަމައެކަނި ޢާއިލާއަށް އޮތް ބުރައެއް ކަމުގައިވުމަށް ދޫކޮށްލެއްވުމަކީ، ހެޔޮވެރިކަމެއް ހިނގާނަމަ، ކުރައްވައިގެންވާނެ ކަމެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރައްވާފައިވެއެވެ. އަދި ޢުމުރުން 65 އަހަރުވީ ކޮންމެ ރައްޔިތަކާ އެންމެގާތް އެއްޗަކީ ފަރުވާ ނުލިބި އޮންނަ ބަލިއެނދު އެކަނި ކަމުގައިވުމަށް ދޫނުކުރައްވައި، ކޮންމެ އަހަރަކު އެއިން ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ލިބޭގޮތް ސަރުކާރުން ހެއްދެވީ، އޭގެ ލުއި މުޅި އާބާދީގެ ޖީބަށް ހޯއްދަވައިދެއްވުމަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިދެންނެވި ކޮންމެ ރައްޔިތަކަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ސަރުކާރުން ދެއްވަނީވެސް ހަމަ އެ މަޤްޞަދުގައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.