بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

"ކޯވިޑް-19" ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، "ކޯވިޑް ހުއްޓުވާނީ އަހަރެން" މި ނަމުގައި މިއަދު ފެށިގެންދާ ކެމްޕެއިން، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އިފްތިތާޙު ކޮށްދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއީ ރާއްޖެ މިހާރު އޮތް ޙާލަތަށް ބަލާއިރު، ވަރަށް ބޭނުންތެރި ކެމްޕެއިނެއް. މިފަދަ މުހިންމު ޤައުމީ މަސައްކަތެއް ފެށްޓެވި ކަމަށްޓަކައި، މި ކެމްޕެއިންގެ ސްޓިއަރިންގ ކޮމިޓީގެ ބޭފުޅުންނަށާއި، މިކެމްޕެއިންގައި ބައިވެރިވާ މީޑިއާތަކުގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މި ކެމްޕެއިންގެ މަޤްޞަދަކީ، ފަރުދީ ޒިންމާގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މި ކެމްޕެއިންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، މިނިވަން މުއައްސަސާތައްވެސް، ބައިވެރިވެ މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް.

ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ޤައުމަކަށް ހެދެން އޮތީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، މި ބަލި ފެތުރުން ކޮންޓްރޯލްކޮށްގެން. ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން. ވަކިން ޚާއްޞަކޮށް، ޒަރޫރީ ކަމެއްގައި ނޫނީ، ޢާންމުންގެ ތެރެއަށް ނުނިކުތުމާއި، ނުކުންނަން ޖެހުނަސް، މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުން. ގިނަގިނައިން އަތް ދޮވުމާއެކު، ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން.

މިހާރުވެސް މިބަލީގައި ރާއްޖެއިން 29 މީހަކު އަޅުގަނޑުމެންނާ ވަކިވެއްޖެ. އޭގެތެރެއިންވެސް ގިނައީ، ޢުމުރުން ދުވަސްވީ އިސް ރަށްވެހިން. މިއީ އެ ބޭފުޅުންގެ ޢާއިލާތަކަށްވެސް، އަދި މުޅި ޤައުމަށްވެސް ލިބޭ ވަރަށް ބޮޑު ދެރައެއް، ވަރަށް ބޮޑު ހިތާމައެއް.

އެ ހުރިހާ އެންމެންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި މިހާރު މި ބަލީގައި ފަރުވާ ހޯދަމުން އަންނަ ހުރިހާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރަން. މިބަލީގައި އިތުރު އެންމެ ފުރާނައެއްވެސް ގެއްލިގެންދާކަށް އަޅުގަނޑުމެން އެކަކުވެސް ނޭދޭނެ.

މި ބަލިޖެހޭ މީހުންގެ ޢަދަދު މަދު ނުކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމަށް އޮބިނޯންނަ ޙާލަތަށް ކަންތައް ހިނގައިދާނެ. ފަރުވާކުރެވޭނެ ވަސީލަތްތަކާއި އާލާތްތައް ހޮސްޕިޓަލުތަކުގައި ހުއްޓަސް، ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާވަރަށް ބަލިމީހުން އިތުރުވެއްޖެނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް.

އަޅުގަނޑުމެން އެންމެންނަށް އެ މަންޒަރު އެބަ ފެނޭ. ދިވެހި ނޫސްވެރިންނަށްވެސް އެ މަންޒަރު ވަރަށް ގާތުން އެބަ ފެނޭ. ކޯވިޑް ފެތުރުމާ ދެކޮޅަށް، ރާއްޖޭގެ މީޑިއާތައް މި ތެދުވީ، ކަމުގެ ނުރައްކާތެރިކަމާއި، ޤައުމަށް ލިބިދާނެ ގެއްލުން، ދިވެހި ނޫސްވެރިންނަށް ވަރަށް ރަނގަޅަށް ތަޞައްވަރު ކުރެވޭތީ.

އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވީ، އެ ޙާލަތަށް ނުދަނީސް، މި ބަލި ކޮންޓްރޯލް ކުރެވޭތޯ. އެޗް.ޕީ.އޭ އިން ކެނޑިނޭޅި އެ ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކޮށްފިއްޔާ، މިއީ ކޮންޓްރޯލް ނުކުރެވޭވަރުގެ ބައްޔެއް ނޫން. މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ނޫސްވެރިންގެ މި ކެމްޕެއިނާއެކު މިކަމުގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ކުރިއެރުން ލިބިގެންދާނެ.

ރާއްޖޭގެ ނޫސްވެރިންނަކީ، ޤައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެއް. އިޤްތިޞާދީ ގޮތުންވިޔަސް، ނުވަތަ ސިޔާސީ ގޮތުންވިޔަސް، ޤައުމަށް ލޮޅުން އަރައިގެންދާ ކޮންމެ ދަނޑިވަޅެއްގައި، އަމާން އައްސޭރިއަކަށް ޢާންމު ރައްޔިތުން ގެންގޮސްދިނުމުގައި، ދިވެހި ނޫސްވެރިން އަދާކޮށްފައިވަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.

ކޯވިޑާ ގުޅޭގޮތުން ރާއްޖޭގެ ޙަޤީޤީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ. ރާއްޖޭގެ ޙާލަތު ރަނގަޅަށް ބުނެއެއްނުދެވޭ. ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ޞިނާޢަތު ތަރައްޤީކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން، އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަޤީން.

މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، އިރާދަކުރެއްވީތީ ކޮމިޔުނިޓީ ސްޕްރެޑެއް ނެތް. އަދި އެހެން ރަށަކުން ބަލިމީހަކު ފެނުނަސް، ޞިއްޙީ ޚިދުމަތްތެރިން އެ އަންނަނީ، ވަރަށް ރަނގަޅަށް އެކަން މޮނިޓަރކޮށް ކޮންޓްރޯލް ކުރަމުން. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިޒޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މި އޮންނަނީ މުޅިން ވަކިން.

މި މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަކަށް ނުދެވޭ. މިއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއް. ވަކިން ޚާއްޞަކޮށް، އޮކްޓޫބަރު 15 ވަނަ ދުވަހު، ގެސްޓްހައުސްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން އެބަޖެހޭ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، ތިޔަބޭފުޅުންގެ ކެމްޕެއިންގެ ތެރެއިން، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، ވަރަށް ބޭނުންތެރި ކަމެއް. ނޫސްވެރިން، އެއް ވިސްނުމެއްގައި އެއް ޢަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެނަމަ، ވަރަށް ފަސޭހައިން އެކަމެއް ހާސިލުކުރެވޭނެ.

މިއަދުވެސް، ތިޔަބޭފުޅުންގެ ފަރާތުން އަދި ހުރިހާ ދިވެހި ނޫސްވެރިންގެ ފަރާތުން، އަޅުގަނޑު އެދޭ އެދުމަކީ، ކަންކަމުގެ ޙަޤީޤަތް ނޯޅޭގޮތަށް، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން. ޒިންމާދާރުކަމާއެކު، މިނިވަން ނޫސްވެރިކަމުގެ މަގުގައި ކުރިއަށް ވަޑައިގެން، މިކެމްޕެއިން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

މީޑިއާތަކުން މިއަދު މި ފެށި ކެމްޕެއިނަކީ މާތް ﷲގެ ވާގިފުޅާއެކު ވަރަށް ކާމިޔާބު މަސައްކަތަކަށްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިފަދަ ކެމްޕެއިނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ އެންމެންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން. ވަކިން ޚާއްޞަކޮށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ވަރަށް ބޮޑަށް ބޭނުންވާނެ.

އަޅުގަނޑު ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށާއި، މީޑިއާ އިދާރާތަކަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުން މިއަދު ތިޔަ ފެށްޓެވި ޤައުމީ މަސައްކަތުގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން. ސަރުކާރުގެ ވުޒާރާތަކާއި، ކަމާގުޅޭ އެހެން އިދާރާތަކުންވެސް، ފުރިހަމަ އެއްބާރުލުން އިރާދަކުރެއްވިއްޔާ ލިބެމުންދާނެ.

ތިޔަބޭފުޅުން މިއަދު ތިޔަ ފެށްޓެވި މުހިންމު މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކޯވިޑްގެ ނުރައްކާތަކުން އެންމެހައި ދިވެހިންނާއި، މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކޮށްދެއްވުން އެދި، އެކަލާނގެ ޙަޟްރަތަށް ދުޢާކުރަން. ދިވެހި ނޫސްވެރިކަމަށް އަބަދުވެސް ކާމިޔާބާއި ފާގަތިކަމަށް އެދެން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.