ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގެން، ރާއްޖޭގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅަކީ އިޤްތިޞާދާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އޮކްސްފޯޑް ޔުނިވަރސިޓީއިން ބޭއްވެވި ފޯރަމެއްގައި ވާހަކަފުޅު ދެއްކެވުމަށް، އެ ޔުނިވަރސިޓީއިން ދަޢުވަތު ދެއްވާފައިވާތީއާއި، ކޮމަންވެލްތް ޕާލަމެންޓް އެސޯސިއޭޝަނުން ބޭއްވެވި އިންޓަރނޭޝަނަލް ޕާލަމެންޓަރީ ކޮންފަރެންސްގައި ތަޤްރީރު ކުރެއްވުމަށް އެފަރާތުން ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރު ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތަކާ ބެހޭގޮތުންނާއި، ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން، ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވައި މަޝްވަރާ ކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.