ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ ލީޑަރ ޑޭވިޑް ކެމެރޫނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ޑިމޮކްރަސީގެނައުމަށް ކުރެވުނު މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ޑޭވިޑް ކެމެރޫން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ގިނަ ޕާޓީތައް ވާދަކުރި އިންތިޚާބުގައި ރައީސް މުޙަންމަދު ނަޝީދު ހޯއްދެވި ކާމިޔާބީއަށްޓަކައި ތަހުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރުއޮތް ގޮތާބެހޭ މަޢްލޫމާތު ޑޭވިޑް ކެމަރޫނަށް ދެއްވިއެވެ. އަދި، ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތައް ޙައްލކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާ ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރާޢަކީ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ މަޝްރޫޢެއްކަމަށް ޑޭވިޑް ކެމަރޫން ވިދާޅުވިއެވެ. އަދި، ތިމާވެށިގެ މައްސަލަތަކަށް ރައީސް ނަޝީދު ދެއްވާ އަހަންމިއްޔަތާއި، މިރޮނގުން އެމަނިކުފާނު އިސްނަންގަވައިގެން ހިންގަވާ ޕްރޮގްރާމްތަކަށް ތަޢުރީފް ކުރެއްވިއެވެ.