އިޤްތިޞާދާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކަށް، ދިވެހި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށާއި، ކޯޕަންހޭގަން ސަމިޓުން މުހިންމު ނިންމުންތަކެއް ނިންމަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިޤްތިޞާދާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީގެ ކީބްލް ކޮލެޖްގައި، ރޭ ބޭއްވެވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ސަލާމަތާއި ރައްކާތެރިކަމާއި އަދި އިންސާނީ ޙައްޤުތަކާ ވަރަށް ބޮޑަށް ގުޅުންހުރި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތާ ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައަކަށްވުމާއެކު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، އަޅާނުލާ އަޅުގަނޑުމެންނަށް ތިބެވެން ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދުނިޔޭގެ ޖައްވު އިތުރު ދެޑިގްރީއަށް ހޫނުވާނެ ކަމުގެ އިންޒާރު ދެމުންދާއިރު، އެކަމަށްވެސް އަޅަންޖެހޭ ޢަމަލީ ފިޔަވަޅުތައް ލަސްނުކޮށް އަވަހަށް އަޅަން ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލި، ބައެއް ޤައުމުތަކަށް އެކަމުގެ އަސަރު ފޯރަމުންދާއިރު، ބައެއް ރަށްރަށް އަޑިއަށް ދިއުމަށް ދޫކޮށްލައިގެން، ބަލަހައްޓައިގެން ތިބެވެން އަޅުގަނޑުމެންނަށް ނެތް ކަމަށާއި، ކޯޕަންހޭގަން ސަމިޓުން، ޤައުމުތަކުގެ ވެރިން މިކަމުގައި މުހިންމު ނިންމެވުންތަކެއް ނިންމަވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ދެކަމެއް އެބައޮތްކަން ފާހަގަކުރެއްވިއެވެ. އެއީ، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރެވޭނެ ގޮތްތައް ހޯދުމާއި، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، އެ ފިޔަވަޅުތައް އަޅަމުން ގެންދިއުން ކަމުގައި ވިދާޅުވިއެވެ. އަދި ކޯޕަންހޭގަން ސަމިޓުގައި މިކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަވައި، ޢަމަލީ ފިޔަވަޅުތައް އެޅުމަކީ، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، މި މައްސަލައަށް އެދެވޭ ޙައްލެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމާއި، އެކަމަށް ހޭނުމުގައި ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކާ ހުރި ގުޅުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.