ދުނިޔޭގެ ޤައުމުތަކުގެ ވެރިން، މޫސުމަށް އަންނަބަދަލުތަކާ ފުރިހަމަ ގޮތެއްގައި ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝިދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިޤްތިޞާދާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އޮކްސްފޯޑް ޔުނިވަރސިޓީގައި ބާއްވަވާ ބައްދަލުވުމުގެ ތެރެއިން، އޮކްސްފަރޑްގެ ކީބްލް ކޮލެޖްގައި އިނގިރޭސިވިލާތުގެ ޚަބަރުފަތުރާ ވަސީލަތްތަކުގައި މަސައްކަތްކުރައްވާ ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަކީ، މުސްތަޤްބަލުގައި އިނގިރޭސިވިލާތަށްވެސް ކުރިމަތިވާނެ ކަންތައްތަކެއް ކަމަށާއި، މިކަމުން މެދުވެރިވާ ގެއްލުންތަކުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެނަމަ، މި ގެއްލުންތަކުން ދުނިޔޭގެ އެހެން ގައުމުތައްވެސް ސަލާމަތް ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކަކީ، ހަމައެކަނި ތިމާވެށްޓާއި ސައިންޓިފިކް ގޮތުން ކުރިމަތިވާ މައްސަލަތަކެއްނޫނެވެ. ނަމަވެސް އެއީ ސަލާމަތަށާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށްވެސް ކުރިމަތިވާ މައްސަލަތަކެކެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ ދެމިއޮތުމަށް ކުރިމަތިވާ ގޮންޖެހުންތަކަށްވުރެ ބޮޑަށް ސަލާމަތީގޮތުން ކުރިމަތިވާ އެހެން ގޮންޖެހުމެއް ނުވާކަމަށް އިނގިރޭސިވިލާތުގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ ނޫސްވެރިންނާ މުޚާޠަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަކީ، އިންސާނީ ޙައްޤުތަކާވެސް ގުޅިފައިވާ މައްސަލައެއްކަމަށާއި، މިކަމުގެ ސަބަބުން އިންސާނާގެ ދިރިހުރުންފަދަ އަސާސީ އިންސާނީ ޙައްޤުތަކަށް ނުރައްކާވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އިނގިރޭސިވިލާތުގެ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ވަރަށް އިސް މާހިރެއް ކަމަށްވާ ޕްރޮފެސަރ ސަރ ޑޭވިޑް ކިންގް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރޮފެސަރ ކިންގްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތިމާވެށްޓާބެހޭ ސިޔާސަތުތަކަށް ތަޢުރީފްކުރެއްވިއެވެ. ރާއްޖެއަކީ ކުޑަ ޤައުމަކަށްވިޔަސް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއަކީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.