ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޖޯން ހޫޑް އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ހޫޑް ވާހަކަފުޅު ދައްކަވަމުން، ތިމާވެށީގެ ރޮނގުން ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ. މިގޮތުން އެއްބާރުލުމާ އެހީތެރިކަން ދެއްވުމުގެ ކަންތައްތައް އިތުރަށް ކުރިއަށް ގެންދަވާނެ ގޮތުގެ މަޢްލޫމާތު އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރަށް އަރުވަމުން ގެންދަވާނެ ކަމުގައި ޑޮކްޓަރ ހޫޑް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތައް ޙައްލު ކުރެއްވުމަށް ސަރުކާރުން އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢްލޫމާތު ވައިސް ޗާންސެލަރ ޑޮކްޓަރ ހޫޑަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް އެހީތެރިކަން ދެއްވުމަށް ނިންމެވީތީ އެކަމަށްޓަކައި ޑޮކްޓަރ ހޫޑަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި، އިޤްތިޞާދާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އޮކްސްފޯޑް ޔުނިވަރސިޓީގައި ބާއްވަވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު އެމަނިކުފާނަށް ދެއްވިކަމަށްޓަކައިވެސް އެ ޔުނިވަރސިޓީގެ އިސްވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ.