ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގަންނަވަމުން، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ދަތުރުފުޅުގެ ބޭނުންފުޅުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރާއްޖެ، ބައިނަލްއަޤްވާމީ މަސްރަޙުގައި އަދާކުރަން ޖެހިފައިވާ ދައުރު، ކުރިއަށްވުރެ މިހާރު ބޮޑު ކަމަށާއި، އެހެންކަމުން، ބައެއް ބާވަތުގެ މުހިންމު ޖަލްސާތައް ބާއްވާ ތަންތަނުގައި ރާއްޖެ އެބަ ތަމްސީލުވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިފަހަރުގެ މިދަތުރުފުޅުގައި، އިޤްތިޞާދާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އޮކްސްފޯޑް ޔުނިވަރސިޓީގައި ބާއްވަވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައި ކަމަށާއި، ހަމައެހެންމެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރުންނަށް މަޢްލޫމާތު ދެއްވުމަށް ބާއްވަވާ ބައްދަލުވުމެއްގައިވެސް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާ މިދަތުރުފުޅުގައި ވާހަކަފުޅު ދައްކަވާނެ ކަމަށާއި، އަދި އެންމެފަހުން އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަފްތާއަކު ތިންދުވަހު ބްރިޓިޝް އެއަރވޭޒް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވުމާއެކު، މިކަމާ ގުޅޭގޮތުންވެސް މިދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިދަތުރުފުޅުގައި، އިތުރަށް ލިބެންހުރި ފުރްޞަތުތަކާ ބެހޭގޮތުންވެސް، ކަމާބެހޭ ބޭފުޅުންނާއެކު ވާހަކަފުޅު ދައްކަވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިދެއްވި ބަސްދީގަތުމުގައި، ސަރުކާރުގެ އެންމެމަތީ ވެރިޔާ، ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި، އެކިފަރާތްތަކާ މަޝްވަރާ ކުރައްވައި ހެއްދެވީމާ، ބޮޑު ބަދަލެއް އަންނަކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތަށް މިއަދު މިފެށްޓެވި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގަންނަވައެވެ.