ކުޑަކުދިންނަށް އަނިޔާކޮށް، އެކުދިންނާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގާ މައްސަލަތަކުގަޔާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މައްސަލަތަކާއި، ދައުލަތުގެ މުދަލަށާއި ފައިސާއަށް ޚިޔާނާތްތެރިވާ މީހުންގެ މައްސަލަތައް، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އަވަސް މައްސަލަތަކެއްގެ ގޮތުގައި ކުރިއަށް ގެންދަވައި ނިންމެވުމަކީ، އަޅުގަނޑުމެން މި އުންމީދުކުރާ ހެޔޮވެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، މިއަދު ހެނދުނު އެމަނިކުފާނު ދެއްވި ރޭޑިއޯ ޚިޠާބުގައި ރާއްޖޭގެ ޝަރްޢީ ދާއިރާގައި މެދުވެރިވާ ބައެއް ކަންކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝަރްޢީ ނިޒާމު އެކަށީގެންވާ ހަލުވިމިނެއްގައި ހިނގަމުންދިޔުމަކީ، ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވަންޖެހޭ ކަމެއް ކަމަށާއި، ޢަދުލު އިންޞާފު ޤާއިމުކުރުން ލަސްވެގެން ދިޔުމަކީ، ޢަދުލު އިންޞާފު ނުލިބުން ކަމުގައި ބެލެވޭ ބެލުމަކީ ޢާންމު ގޮތެއްގައި ގަބޫލުކުރެވޭ ހަމައެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢާންމުކޮށް ހުޅުވާލައިގެން ބޭއްވޭ އަޑުއެހުމުގައި، ޝަރީޢަތް ކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމަށް ވިދާޅުވިއެވެ. އަދި ޢަދުލުއިންޞާފުގެ ބާރަކީ، ވެރިކަން ހިންގާ ފަރާތާއި ޤާނޫނު ހަދާ ފަރާތާ މުޅިން ވަކިކޮށް މުސްތަޤިއްލު ކުރެވިފައިވާ ބާރެއްކަމަށްވާއިރު، ޝަރުޢީ ދާއިރާ ހަރުދަނާ ކުރެވޭނީ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، އެފަރާތުގެ މަސްއޫލިއްޔަތު އަދާކުރެވޭގޮތަކަށް، އެ ދާއިރާ ރޭވިގެންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޯޓުތަކަށް ހުށަހެޅޭ ބައެއް ބާވަތުގެ މައްސަލަތަކަކީ، ވަރަށް ނާޒުކު މައްސަލަތަކެއް ހިމެނޭ، އެފަދަ މައްސަލަތައް ބެއްލެވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭ މައްސަލަތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް، ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ކޯޓުތަކުގެ ވަސީލަތްތައް އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިގޮތުން ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހަރުދަނާ ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޯޓުތަކަށް ދެއްވަންޖެހޭ އެއްބާރުލުން ދެއްވައި، އެ ކޮމިޝަނުން ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަން ކުރެއްވުމުގައި ގެންގުޅުއްވާ މިންގަނޑުތައް އަލުން މުރާޖަޢާ ކުރެއްވުން އެއީ، ކޮންމެހެން މިވަގުތު ބޭނުންވެފައިވާ ކަމެކެވެ. އަދި ޝަރްޢީ ދާއިރާއިން މަތީ ތަޢްލީމު ޙާޞިލު ކުރައްވައިގެން ވަޑައިގެން ތިއްބެވި ވަރަށްގިނަ ފަރާތްތައް ތިއްބެވުމާއެކު، އެބޭފުޅުންނަށް ޝަރްޢީ ދާއިރާއިން ވަޒީފާގެ ފުރްޞަތު ދެއްވުމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިސްކަމެއް ދެއްވަންޖެހޭ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ”އަޅުގަނޑުމެންގެ ކޯޓުތަކުގައި، އަޅުގަނޑުމެންގެ ފަނޑިޔާރުންގެ ގޮތުގައި، އެކަމުގެ ޙިލްމާއި ޢިލްމު ލިބިފައި ތިބި ތަޖުރިބާކާރު، އަދި ކަމަށް އެކަށީގެންވާ ބޭފުޅުން ތިއްބެވުމަކީ، ޝަރްޢީ ދާއިރާ ހަރުދަނާ ކުރަން ކޮންމެހެން ބޭނުންތެރި ކަމެކެވެ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ބޭރުގެ އެހީ ލިބޭނެ ފުރްޞަތުތައް ދިރާސާ ކުރެވި، އެފަދަ އެހީތައް ހޯއްދެވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، ތަންކޮޅެއް ބޮޑަށް އެކުލަވާލެއްވުމަށްޓަކައި އަދި ގުޅުވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއްވެސް އެކަމުގައި ހިމެނުއްވުމަށް ނިންމަވައިފިކަން ހާމަކުރެއްވިއެވެ.

ސަރުކާރުގެ އިޢްލާނުތައް، 2009 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ހަމައެކަނި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާ ގޮތަށް ހަމަޖެއްސެވިކަންވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު އިޢްލާނު ކުރެއްވިއެވެ.
އަންނަ ބުދަ ދުވަހަކީ ރާއްޖޭގައި ޤައުމީ ގޮތުން ފާހަގަކުރާ ލިޔުންތެރިންގެ ދުވަސް ކަމަށްވުމާއެކު، މިދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަށް ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުންނާއި ދިވެހި ލިޔުންތެރިން ތައްޔާރުވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މާދަމާ އިނގިރޭސިވިލާތަށް ފަށްޓަވާ ދަތުރުފުޅާބެހޭ މަޢްލޫމާތުވެސް ރޭޑިއޯ ޚިޠާބުގައި އެމަނިކުފާނު ދެއްވިއެވެ. މިދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ޕާލަމެންޓްގައި ތަޤްރީރެއް ކުރެއްވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އޮކްސްފޯޑް ޔުނިވަރސިޓީގައި ބާއްވަވާ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.