ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރެއްގެ ގޮތުގައި ގަލޮޅު ލޭކް އިބްރާހީމް ފިރްޝާން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަދި އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާ، ވަޒީފާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މިއަދު ކުރައްވައިފިއެވެ. ހުވާލައިދެއްވީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ތަންފީޒު ކުރެވެމުންދާއިރު، ވަރަށް މުހިންމު އާ މުއައްސަސާތައް އުފެދެމުން އެބަދާކަން ފާހަގަކުރެއްވިއެވެ. އަދި ލޭބަރ ޓްރައިބިއުނަލަކީ ވަޒީފާ އަދާކުރާ މީހުންނާ ގުޅޭގޮތުން އުފެދިފައިވާ ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތާއި، ރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލަށާއި، ރާއްޖޭގެ ތަރައްޤީއަށް ބަލާއިރު ވަރަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއް ކަމުގައި ވިދާޅުވެ، ލޭބަރ ޓްރައިބިއުނަލްގެ މަސައްކަތްތައް ވަރަށް އެދެވޭ ގޮތެއްގައި ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.