އިރުފުށީ ރިޒޯޓްގެ މެނޭޖްމަންޓް، ހިލްޓަން މޯލްޑިވްސްއަށް ބަދަލުކުރުމާ ގުޅިގެން، ”ހިލްޓަން މޯލްޑިވްސް އިރުފުށީ ރިޒޯޓް އެންޑް ސްޕާ“ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު މެންދުރުފަހު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ. މިލަދުންމަޑުލު ދެކުނުބުރީގައި އޮންނަ މި ރިޒޯޓް ހުޅުއްވައިދެއްވުމަށް މިއަދު މެންދުރެއްހާއިރު އެ ރިޒޯޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ސަން ހޮޓެލްސްގެ ޗެއަރމަން އަޙްމަދު ޞިޔާމް މުޙަންމަދާއި، ހިލްޓަން މެނޭޖްމަންޓްގެ އިސްބޭފުޅުންނެވެ.

މި ރިޒޯޓް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ރިޒޯޓުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ފައިދާތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރިޒޯޓުތައް ފުރިހަމައަށް ހިންގައި، އޭގެ ފައިދާ ފުރިހަމަގޮތުގައި ނުނެރެވޭނަމަ، އަޅުގަނޑުމެންގެ ތަރައްޤީއާއި އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަކަށް ނުލިބޭނެ ކަމުގައި ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ރިޒޯޓްތަކުގެ ހިންގުން، ޚާއްޞަކޮށް މިދުވަސްވަރު ރަނގަޅަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި މިއަދު އަޅުގަނޑުމެންނަށް ހަމަ މަޖުބޫރު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއީ އިޤްތިޞާދީ ހީނަރުކަމެއް އައިސްފައިވާ ވަގުތެއް ކަމަށްވުމާއެކު، އަޅުގަނޑުމެންގެ އަމިއްލަ ބައެއް ކަންކަން ފަހަށް ޖައްސާލަންޖެހޭ ކަމަށާއި، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރާއްޖޭގެ ރިޒޯޓްތަކުގެ ހީވާގި މަސައްކަތްތެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި މައްސަލައެއް ދިމާވިނަމަވެސް، މެނޭޖްމަންޓާ ވާހަކަ ދައްކަވައިގެން، ވީހާވެސް ޞުލްޙަވެރިކަމާއެކު އެކަމެއް ޙައްލު ކުރައްވަމުން ގެންދެވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތާއި ސަމާލުކަމުގެ މައްޗަށް ބައްލަވާލައްވަމުން، މިކަމުގައި ރިޒޯޓުތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ތިމާވެށި ޙިމާޔަތް ކުރުމަށް ޑިމޮކްރަސީއާއި ހެޔޮވެރިކަމަކީ، ވަރަށް ގާތް ގުޅުން އޮންނަ ކަންތައްތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިލްޓަން މޯލްޑިވްސް އިރުފުށީ ރިޒޯޓް އެންޑް ސްޕާ ހުޅުވިގެންދިޔައީ، ހަނދާނީ ޕްލާކްގައިވާ ފަރުދާ، ރައީސުލްޖުމްހޫރިއްޔާ ކައްސަވާލަދެއްވުމުންނެވެ.