އަލުން އެކުލަވާލައްވާފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވަވައިފިއެވެ. ޤާނޫނު ނަންބަރު 2008/1 ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހަކީ، ޤައުމީ ސަލާމަތާ ގުޅޭ އެންމެހާ ކަންތައްތަކުގައި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފައާއި މަޝްވަރާ ދިނުމަށްޓަކައި އޮންނަ މަޖިލީހެކެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ، ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، ޤައުމީ ސަލާމަތާބެހޭ ކަންތައްތަކުގައި މިވަގުތު ސިފައިންގެ އެންމެމަތީ ވެރިޔާ ލަފާ ބޭނުންފުޅުވާ ކަންތައްތައް ހުށަހަޅުއްވައި، އެކަންތައްތަކާ ބެހޭގޮތުން މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ.