ތަރައްޤީގެ މަޝްރޫޢުތަކާބެހޭ ކަންތައްތައް ކުރައްވާނެ އުޞޫލެއް އަލުން ކަނޑައަޅުއްވައި، އެ އުޞޫލު ސަރުކާރުން މިއަދު އިޢްލާނު ކުރައްވައިފިއެވެ. މިކަން އިޢްލާނު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި، މީގެފަހުން ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުން ގެންދަވާނީ، މި އުޞޫލުގައިވާ ގޮތުގެ މަތިން ކަމަށް ވިދާޅުވެފައިވެއެވެ. މިއަދު ނެރުއްވި ދިވެހި ސަރުކާރުގެ ގެޒެޓުގައިވެސް މިދެންނެވުންވަނީ ޝާއިޢު ކުރައްވާފައެވެ.

މިދެންނެވުމުގައިވާ ގޮތުން، ތަރައްޤީގެ މަޝްރޫޢުތައް ވަޒަން ކުރުމާއި، އިސްކަންދޭ ތަރުތީބު ކަނޑައެޅުމާއި، މަޝްރޫޢަށް ހުއްދަ ދިނުމުގެ ކަންތައްތައް، މީގެފަހުން ކުރިއަށް ގެންދަވާނީ، ނޭޝަނަލް ޕްލޭނިންގ ކައުންސިލުންނެވެ. މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. ސެކްރެޓޭރިއަޓް ބަލަހައްޓަވާނީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއިންނެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ކަންތައްތަކާއި، ބޭރުގެ ލޯނު އެހީގައި ހިންގާ ކަންތައްތަކާއި، ބޭރުގެ ހިލޭ އެހީގެ ކަންތައްތަކާއި، ބޭރުގެ ފަންނީ އެހީގައި ހިންގާ ކަންތައްތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ)ގެ އުޞޫލުން ހިންގާ ކަންތައްތަކާއި، ސަރުކާރު ޙިއްޞާވާ އަމިއްލަ ކުންފުނިތަކުން ހިންގާ ތަރައްޤީގެ ކަންތައްތައް ހިމެނޭ ކަމަށްވެސް މިދެންނެވުމުގައި ވިދާޅުވެފައިވެއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ހުށަހެޅުމާއި، މަޝްރޫޢުތަކަށް ހުއްދަ ހޯދުމާއި، ފައިސާ ހޯދުމާއި، މަޝްރޫޢުތައް ހިނގަމުންދާގޮތް ބެލުމާއި، މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ދަތިތައް ޙައްލު ކުރުމުގައި އެތައް އޮފީހެއް ގުޅިގެން ކުރަންޖެހޭ ކަންތައްތަކުގައި ޢަމަލު ކުރައްވަންވީ ގޮތްތައްވެސް މިދެންނެވުމުގައިވަނީ ބަޔާން ކުރައްވާފައެވެ.

މިދެންނެވުމުގައިވާ ގޮތުން، ސަރުކާރުގެ އޮފީސްތަކުންނާއި، އަތޮޅު ކައުންސިލުތަކުންނާއި، ރަށު ކައުންސިލުތަކުންނާއި، ސިޓީ ކައުންސިލުތަކުންނާއި، ނޮން-ގަވަރންމަންޓަލް އޯގަނައިޒޭޝަންތަކުންނާއި، ކޮމިއުނިޓީ ބޭސްޑް އޯގަނައިޒޭޝަންތަކުންނާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގާ އަމިއްލަ ފަރާތްތަކުން ހުށަހަޅާ ޕްރޮޖެކްޓް ކޮންސެޕްޓް/ޕްރޮޕޯޒަލް ތައްޔާރުކޮށް، ހިންގަން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލުމަށްފަހު، ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ މެދުވެރިކޮށެވެ. އެގޮތުން، ހުރިހާ މަޝްރޫޢުތަކެއްވެސް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއަށް ހުށަހަޅަން ޖެހެއެވެ.