ސަރުކާރުން ދެއްވަމުން ގެންދެވި ޢާންމު ޚިދްމަތުގެ އިނާމު، ޤައުމީ އިނާމުގެ ނަމުގައި މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، އެކިއެކި މުނާސަބަތާ ގުޅުވައިގެން ސަރުކާރުން ދެއްވާ އައްޑަނައާއި އިނާމުގެ ކަންތަކާ ބެހޭގޮތުން މިދިޔަ އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވައި، ސަރުކާރުން އައްޑަނައާއި އިނާމު ދެއްވާ ކަންކަން އިތުރަށް ދިރާސާ ކުރެއްވުމަށް ހޮއްވެވި ވަޒީރުންގެ ކޮމިޓީއިން ހުށަހެޅުއްވި ހުށަހެޅުއްވުންތަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ޤައުމީ އިނާމު ޙައްޤުވާ ފަރާތްތައް ހޮއްވަވާނީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ. މި ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިޢްލާނު ކުރައްވާނެއެވެ. ޤައުމީ އިނާމުގައި ހިމެނެނީ، ދެ ގިންތިއެކެވެ. އެއީ، ޝަރަފްވެރި ކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. އިނާމު ދެއްވާނެ މައިގަނޑު ދާއިރާތައް ކަނޑައަޅުއްވާނީ، މި އިނާމު ދެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ދާއިރާތަކުގެ މައްޗަށް ރިޢާޔަތް ކުރައްވައި، ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅޭނެ ދާއިރާތަކާއި، އިނާމު ދިނުމުގައި ބެލޭނެ މިންގަނޑުތަކާއި އަދި އިނާމަށް ނަން ހުށަހެޅޭނެ ގޮތްތައް، ޤައުމީ އިނާމު ކޮމިޓީއިން ނިންމަވައި، މިއަހަރުގެ އޯގަސްޓް މަހުގެ 1 ވަނަ ދުވަހު އިޢްލާނު ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.