ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ޢައްޔަން ކުރައްވައި، އެކަމަނާއަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މަގާމުގެފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް، ސަފީރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

ފަތްކޮޅު ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ޑޮކްޓަރ ޝެހެނާޒް، ސަފީރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރައްވައި، ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތު ފުރިހަމައަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.