އިނގިރޭސިވިލާތު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޕީޓަރ ހޭސް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކޯޕަންހޭގަންގައި މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށްޓާބެހޭ ސަމިޓަށް ތައްޔާރުވުމަށް ކުރަން ޖެހިފައިވާ މަސައްކަތްތަކާއި، މި ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ހެދުމަށްޓަކައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުންދޭ އަހަންމިއްޔަތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އިނގިރޭސިވިލާތު ސަފީރާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިއަހަރުގެ އަނާ ލިންދް އިނާމު، ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާތީ، ޑޮކްޓަރ ޕީޓަރ ހޭސް އެކަމަށްޓަކައި ރައީސް ނަޝީދަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނާއި، އެކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު އިނގިރޭސި ބޮޑުވަޒީރު ގޯޑަން ބްރައުން ލަންޑަންގައި ހުށަހެޅުއްވި ބައެއް ކަންތައްތަކާ ބެހޭގޮތުން ރައީސް ނަޝީދަށް ސަފީރު މަޢްލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނީ ޙައްޤުތަކާ ވަރަށްބޮޑު ގުޅުމެއް އެބަހުރި ކަމަށް ވިދާޅުވެ، މިކަމަކީ ރާއްޖެފަދަ ނާޒުކު ޤައުމުތަކުގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޑިމޮކްރަސީއާއި ހެޔޮވެރިކަމަކީ، މިކަމަށް އޮތް ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އިނގިރޭސި ނޭވީގެ އެމްފިބިއަސް ޓާސްކް ގްރޫޕްގެ ކޮމާންޑަރ ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަރިއްކޮޅު އޮތީ މިހާރު ރާއްޖެ އައިސްފައިވާ އިނގިރޭސިވިލާތުގެ މަނަވަރުތަކުގެ ތެރެއިން މަނަވަރެއްގައެވެ.