بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މިއަދު އަޅުގަނޑު ދިވެހި ރައްޔިތުންނާ މި ބައްދަލުކޮށްލަނީ، މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތެއް، މިއަދު ހެނދުނު ކޯވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ދެން އަޅުގަނޑުމެން ޢަމަލުކުރުމަށް ނިންމާފައިވާ ބައެއް ކަންކަމުގެ މަޢުލޫމާތު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން.


ދިވެހިރާއްޖޭގައި ކޯވިޑް 19 ފެތުރިގެން ހިނގައިދާނެ ޙާލަތަކަށް ސަރުކާރު މިއޮތީ ތައްޔާރަށް. ދައުލަތުގެ މުއައްސަސާތަކުން އަންނަނީ މިފަދަ ޙާލަތަކަށް ވަރަށް ބޮޑަށް ތައްޔާރުވަމުން. މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ މި ބަލި، ރާއްޖޭގައިވެސް ފެތުރުމުގެ ފުރުޞަތު އޮތް ކަމަށް ބަލައި، ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން، ދައުލަތުގެ ހުރިހާ މުއައްސަސާތައް ހިމެނޭގޮތަށް މި އަންނަނީ، މި ޙާލަތަށް ތައްޔާރުވަމުން. ވަކިން ޚާއްޞަކޮށް، މާލެތެރެއިން، އެންމެ މީހަކުވިޔަސް މި ބައްޔަށް ޕޮޒިޓިވްވެދާނެ ކަމަށް ބަލައި، އަޅުގަނޑުމެން މިތިބީ ތައްޔާރުވެގެން.


މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތެއް، ކޯވިޑް 19 އަށް ޕޮޒިޓިވްވި ޚަބަރު އަޅުގަނޑަށް ލިބުނީ މިއަދު ހެނދުނު. މާލޭގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް، އޭނާ ފަރުވާ ހޯދުމަށް ދިޔައީ، ރޯގާ ޖެހިފައި ހުރުމުން، އިއްޔެގެ ވަގުތެއްގައި. އޭނާގެ ކިބައިން ކޯވިޑް 19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރުމުން، ކޯވިޑް 19 އަށް ޓެސްޓުކުރީ އިއްޔެގެ ވަގުތެއްގައި.


ޓެސްޓުގެ ނަތީޖާ މިއަދު ލިބުމާއެކު، ބައްޔަށް ޕޮޒިޓިވްވާ ހުރިހާ މީހުންނާމެދުވެސް ޢަމަލުކުރާ އުސޫލުން، މިހާރު ކަންކަން ކުރަމުން އަންނަ ކަމުގައި ދަންނަވަން. އަދި މިހާތަނަށް އެނގިފައިވާ މަޢުލޫމާތުން، އެއީ ފަހުގެ ތާރީޚެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން. އަދި މި ބައްޔަށް ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވިކަމަށްވެސް އެނގިފައެއް ނެތް.


އެހެންކަމުން، އޭނާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. އެހެންކަމުން، މިވަގުތު އޭނާއާ ސީދާ ބައްދަލުވި މީހުންވަނީ ދެނެގަނެވިފައި. އަދި އޭގެ އިތުރުންވެސް، އެކިއެކި ގޮތްގޮތުން އޭނާއާ ބައްދަލުވި އެހެން މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. އަދި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެޗް.ޕީ.އޭ.އިން ލަފާ ދީފައިވާ 11 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގާފައި.


އަޅުގަނޑު ހުރިހާ ރައްޔިތުންނަށްވެސް ޔަޤީންކަން މި އަރުވަނީ، ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ، ދިވެހި ރައްޔިތުންނަށް ޞިއްޙީ ރައްކާތެރިކަން ފޯރުކޮށްދިނުންކަން. އެގޮތުން މި ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.


މި ޚަބަރު ލިބުމާއެކު، އަޅުގަނޑު މިއަދު ހެނދުނު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލުކުރިން. އަދި ދައުލަތުގެ މުހިއްމު އިދާރާތަކުގެ އިސް ވެރިންނާ ބައްދަލުކުރިން. އެގޮތުން، ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި، ދައުލަތުގެ އިސް ވެރިންގެ ލަފަޔާއެކު، އެޗް.ޕީ.އޭ.އިން މިހާރުވަނީ، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ނިމެންދެން، 24 ގަޑިއިރަށް މާލެ ވަގުތީގޮތުން ލޮކްޑައުން ކޮށްފައި. އަދި މިކަން އެޗް.ޕީ.އޭ.އިން މިހާރުވާނީ އިޢުލާނުކޮށްފައި. އަދި ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އެހެން މީހަކު ކާށިދުއަށް ދަތުރުކޮށްފައިވާތީ، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރުމަށްޓަކައި، ކާށިދޫވެސް މިހާރުވާނީ މޮނިޓަރިންގގެ ޙާލަތަށް ގެނެވިފައި.


މިކަން ތަންފީޒު ކުރުމުގެ މަސައްކަތް، ދައުލަތުގެ މުއައްސަސާތަކުން ކުރިއަށް ގެންދާއިރު، ދިވެހި ރައްޔިތުންގެ ކިބައިން މިއަދު އަޅުގަނޑު އެދެނީ، ކެތްތެރިކަމާއެކު މިކަމަށް އެއްބާރުލުން ދެއްވުމަށް.


މިކަމާ ގުޅިގެން ޢާންމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެކަން އަޅުގަނޑަށް އެނގޭ. އެހެން ނަމަވެސް، މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް. ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރުމުން، އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނެ. ކާބޯތަކެއްޗާއި، ޒަރޫރީ ބޭނުމަށް ބޭނުންވާ ބޭހާއި، މިނޫންވެސް ހުރިހާ ތަކެއްޗެއްގެ ސްޓޮކް، ރަނގަޅު މިންވަރަކަށް އެބަހުރި. އަދި މިފަދަ ޙާލަތުގައިވެސް ޒަރޫރީ ބޭނުންތައް ފުއްދޭނެފަދަ ގޮތްތައް އިދާރާތަކުން މިވަނީ ރާވާފައި. މިކަންކަމުގެ ތަފްޞީލުތައް، އެ އިދާރާތަކުން ހާމަކުރަމުން ގެންދާނެ. އަދި މިފަދަ ޙާލަތުގައި ރައްޔިތުން ޢަމަލުކުރަންވީ ގޮތުގެ ތަފްޞީލުތައް، މިކަމުގެ ޓެކްނިކަލް ޓީމުތަކުން މީޑިއާއިން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.


އަޅުގަނޑު ނިންމާލަމުން އަދިވެސް އެއްފަހަރު، ހުރިހާ ރައްޔިތުންގެ ކިބައިން މި އެދެނީ، އެކަކު އަނެކަކާމެދު އޯގާތެރިކަމާއި އެކުވެރިކަމާއެކު މުޢާމަލާތް ކުރުމަށް. އަދި ކެތްތެރިކަން އިސްކުރައްވައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ ތެރެއިން، އެކަކު އަނެކަކަށް އެހީތެރިވުމަށް.


މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް ހޯދިފައި ނެތް މި ބަލިން ރައްކާތެރިވުމަށް، އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، ބޭރުތެރެއަށް ނުނިކުންނަވައި، ގޭގައި މަޑުކުރެއްވުން. އަދި ޞިއްޙީ ޚިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް، ގިނަގިނައިން އަތް ދޮވެ، ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރެއްވުން.


މި ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި، އެއްވެސް ވަރުބަލިކަމެއްނެތި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ކުރީ ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ޞިއްޙީ ޚިދުމަތްތެރިންނަށާއި، މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


އަޅުގަނޑުގެ ދުޢާއަކީ، މި ބަލިން އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތް ކުރައްވައި، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ޙާލަތަށް އެނބުރި ދެވޭނެ އަވަސް މަގެއް، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްކެވުން. ކޯވިޑް 19 އިން ރައްކާތެރިވުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ކުރެއްވުމުގެ ހެޔޮ ތައުފީޤު ދެއްވުން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.