މަސްތުވާތަކެއްޗާ ދެކޮޅަށް އަމިއްލަ ޖަމްޢިއްޔާތަކުން ކުރައްވާ މަސައްކަތްތަކުގައި، ސަރުކާރުގެ ފަރާތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި، އަމިއްލަ ބައެއް ޖަމްޢިއްޔާތަކާއި، ސަރުކާރުގެ ކަމާބެހޭ ދާއިރާތައް ގުޅިގެން މިއަދު ހަވީރު ބޭއްވެވި ހިނގާލުމަކަށްފަހު، އާޓިފިޝަލް ބީޗް ސަރަޙައްދުގައި އޮތް އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އަމިއްލަ ޖަމްޢިއްޔާތަކުން ކުރައްވާ މަސައްކަތްތައް، ނައިބު ރައީސް ފާހަގަކުރައްވަމުން، ކުއްޖަކަށް ފަރުވާ ދިނުމަށްފަހު، އޭނާ ދޫކޮށްލި ކަމުގައިވިޔަސް، އެކަން ޙައްލެއް ނުކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކުއްޖަކު އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި، ވެދޭންޖެހޭ ކިތަންމެ ގިނަ އެހީތަކެއް އެބަހުރި ކަމަށާއި، މިކަން އެންމެ ރަނގަޅަށް ކޮށްދެއްވޭނީ، އަމިއްލަ ޖަމްޢިއްޔާތަކަށް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިންގެ ޢާއިލާތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަމުގައިވެސް އަމިއްލަ ޖަމްޢިއްޔާތަކުގެ ދައުރު ވަރަށްބޮޑު ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވުމަކީ، ވަރަށް އުނދަގޫ ކަމެއް ކަމަށާއި، އެއީ ވަރަށްގިނަ ދުވަހު މަސައްކަތް ކޮށްގެން ނޫނީ، ޙައްލު ކުރެވޭނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ.