މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ ކުދިންނަށް ވަކި ޚާއްޞަ ފަރުވާތަކެއް ދެއްވުމަށްޓަކައި ޑީޓޮކްސިފިކޭޝަން ސެންޓަރެއް ހެއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، މިއަދު ހެނދުނު ދެއްވި ރޭޑިއޯ ޚިޠާބުގައެވެ. އަންނަ ޖުލައިމަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މިކަން ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަސް ކަމަށްވުމާއެކު، ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ އެޑްރެހުގައި، މައިގަނޑު ގޮތެއްގައި ބައްލަވާލެއްވި އެންމެ މުހިންމު މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ނުވަތަ އެއަށް ދެވިހިފާފައި ތިބި ކުދިން، އެކަމުން ސަލާމަތް ކުރުމަށްޓަކައި ހަށިގަނޑުން އެ ވިހަ ކަނޑާލަން އެބަޖެހޭ ކަމަށާއި، އެ ވިހަ ކަނޑާލުމަށް ވަކި ޚާއްޞަ ފަރުވާތަކެއް އެބަ ބޭނުންވާ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ޑީޓޮކްސިފިކޭޝަން ސެންޓަރުގައި، އެމަސައްކަތް ކުރަން އެބަޖެހޭ ކަމަށާއި، މިއީ ސަރުކާރުން ވަރަށް އަވަހަށް ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށްޓަކައި ވީހާވެސް އަވަހަކަށް ކުރައްވަން ބޭނުންފުޅުވި ކަންތައްތަކެއް އެބަހުރި ކަމަށާއި، އެހެން ނަމަވެސް، އެމަނިކުފާނު އެދިވަޑައިގަންނަވާ މިންވަރަކަށް، މިވޭތުވެދިޔަ ހަމަސްދުވަހު މިކަމުގައި މަސައްކަތް ކުރެއްވިފައި ނެތް ކަމުގައި ވިދާޅުވިއެވެ.

މިއަދަކީ، ލާއިންސާނީ އަނިޔާ ކުރުމާ އިދިކޮޅަށް އަޑު އުފުއްލުމުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަސްކަންވެސް ރޭޑިޔޯ އެޑްރެހުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ބާރުގަދަ ޑްރަގް ބޭނުންކުރުމާއި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދިނުމާ، މިދެކަން ހުރީ ވަރަށް ބޮޑަށް ގުޅިފައި ކަމުގައި ވިދާޅުވިއެވެ. މަސްތުވާތަކެތި ބޭނުންކުރި ކުދިންނަށް 1990ގެ އަހަރުތަކުގައި ވަރަށް ބޮޑެތި އަނިޔާ ދެވިފައި އެބަހުރިކަން ބަޔާންކުރައްވަމުން، މަސްތުވާތަކެއްޗަށް ޒުވާނުން ދެވިހިފާ މިންވަރު ކުޑަކުރުން އެއީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެވިހިފާ މިންވަރު ނުވަތަ ބޭނުންކުރާ މިންވަރު، ހަރުކަށި އަދަބުދީގެން ކުޑަނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ޞިއްޙީ ފޯރުވައިދިނުމުގައި، އައި.ޖީ.އެމް.އެޗް.ގައި މައްސަލަތަކެއް އެބަހުރި ކަމާއި، ހަމައެހެންމެ، ރީޖަނަލް ހޮސްޕިޓަލްތަކާއި، އަތޮޅު ހޮސްޕިޓަލްތަކާއި، ހެލްތް ސެންޓަރުތަކާއި، ހެލްތް ޕޯސްޓްތަކަށް ބޭނުންވާ ޚިދްމަތްތައް، ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމުގައިވިޔަސް، އެ ދަތިތަކުން މިހާރު އަރައިގަނެވި، ހަމަޖެހޭ އުޞޫލެއްގެ މަތިން އެކަންކަން ހިންގަން ފެށޭނެ ގޮތްތަކެއް މިހާރު އިރާދަކުރެއްވިއްޔާ ހޯދިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ޞިއްޙީ ޚިދްމަތް ފޯރުއްވައިދެއްވުމުގެ ކަންތައް، ކުރިއަށް މިއޮތް ދެތިންމަހެއްގެ ތެރޭގައި ކިތަންމެ ތަނެއް ރަނގަޅުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ބޭރު ފައިސާ ލިބުން ދަތިވެފައިވާ މައްސަލައަށް ބައްލަވާލައްވަމުން، މިއީ މިދުވަސްކޮޅު ރައްޔިތުންނަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަށް ޓޫރިސްޓުން އައުން މަދު މަސްތަކުގައި، މިކަން މިހެން އަބަދުވެސް ހިނގާ ކަމަށާއި، މިއަހަރު މިކަން އިތުރަށް ދިމާވެފައި މިވަނީ، ރާއްޖެއާއި މުޅި ދުނިޔެއަށް އައިސްފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން، ރާއްޖެއަށް ޓޫރިސްޓުން އައުން ކުރިއާ އަޅާބަލާއިރު ކޮންމެވެސް މިންވަރަކަށް ދަށަށް ގޮސްފައިވާތީ ކަމުގައި ވިދާޅުވިއެވެ. ބޭރު ފައިސާ ލިބުން ދަތިވުމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި ޢާންމު ވިޔަފާރިވެރިންނަށް އެލް.ސީ.ގެ ޚިދްމަތް ދެއްވުމަށް ފަށްޓަވާ ޕްރޮގްރާމަށް ބައްލަވާލައްވަމުން، ބޭރު ފައިސާގެ ދަތިކަން ޙައްލު ކުރެއްވުމަށްޓަކައި، ބޭރުގެ ބޭންކްތަކާއި، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ވިޔަފާރި ބޭންކްތަކާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި ދަތިން އަރައިގަނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، ޝަރީޢަތުގެ ކަންކަމަށް ވަރަށްބޮޑު ހުއްޓުމެއް އައިސްފައި އޮންނަ ތަނާއި، ފުރިހަމައަށް އޮމާންކަމާއެކީގައި އެކަންކަން ކުރިއަށް ނުދާކަން ފާހަގަކުރެއްވިއެވެ. އަދި މިވާހަކަ މިވިދާޅުވަނީ، އެއްވެސް ހާލެއްގައި، ވަކި ބޭފުޅަކަށް ނުވަތަ ވަކި މުއައްސަސާއަކާ ގުޅޭގޮތުން ނުހަމަ ވާހަކައެއް ދެއްކެވުމުގެ ނިޔަތުގައި ނޫންކަމަށާއި، އަޅުގަނޑުމެން އެންމެންގެވެސް ބޭނުމަކީ، ރަނގަޅަށް ކަންތައްތައް ގެންދިޔުން ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، ޝަރްޢީ ނިޒާމުވެސް ރަނގަޅަށް ހަރުދަނާވެގެން، ފުރިހަމަ މުއައްސަސާއަކަށް ބަދަލުވެގެން، ރައްޔިތުން މި އުންމީދުކުރާ ހެޔޮވެރިކަމުގެ ނިޒާމަށް ފަހިވާ އަދި ބާރުދޭ އުޞޫލުތަކުގެ މަތިން، ޤާނޫނީ ހަމަތަކުގެ ތެރެއިން، އެކަންކަން ހިނގަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި 19 މިނިޓުގެ ރޭޑިއޯ ޚިޠާބު ނިންމަވާލެއްވީ، ދުވަހަކުވެސް ނުދެކޭފަދަ ފަސޭހަކަމާއި، ތަރައްޤީއާއި، ކުރިއެރުމާއި، ހަމަ އުފާވެރިކަމެއް ދިވެހި ރައްޔިތުންނަށް މި ވެރިކަމުން ލިބިގެންދާނެކަމާމެދު ކުޑަކޮށްވެސް ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.