އެމެރިކާގެ އީ.އެމް ގްލޯބަލް ކުންފުނިން ރާއްޖެ އައިސް ރާއްޖޭގައި ރީހެބިލިޓޭޝަން ސެންޓަރެއް ހިންގައިދިނުމަށް ތައްޔާރަށް އޮތް ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިކަން ހާމަކުރެއްވީ، އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅާ ބެހޭގޮތުން މަޢްލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިހާރު ރާއްޖޭގައި ހިނގަމުންދާ ރީހެބިލިޓޭޝަން ސެންޓަރުވެސް މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ހިންގައިދޭނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ދެއްވާފައިވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަނާއި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫނާއި، ކެލިފޯނިއާގެ ގަވަރނަރ އާރނޯލްޑް ޝުވޮޓްސަނޭގަރއާ ނައިބު ރައީސް ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކުގެ މަޢްލޫމާތުވެސް މި ޕްރެސް ކޮންފަރެންސްގައި ދެއްވިއެވެ. އަދި ރާއްޖެއަށް އެހީ ބޭނުންވާ ކަންކަމުގައި ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވުމަށް އެބޭފުޅުން ތައްޔާރަށް ތިއްބެވި ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ކަރބަން ނިއުޓްރަލް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތަށް، ހުރިހާ ބޭފުޅުންވެސް ވަރަށް ބޮޑަށް ތާއީދު ކުރެއްވި ކަމަށާއި، މިކަމުގައިވެސް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް އެބޭފުޅުން ވިދާޅުވި ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފުން ރާއްޖެ ގްރެޖުއޭޓްވާ ގޮތަށް އޮތުމާއެކު، އެކަމާ ބެހޭގޮތުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީމޫނާ މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެ، އެގޮތުން، ރާއްޖެއިން އ.ދ.ގެ ފަރާތުން އިތުރަށް ބޭނުންވާ ފަންނީ އެހީ ވެދެއްވާނެ ކަމަށް ބަންކީ މޫން ވިދާޅުވިކަންވެސް ނައިބު ރައީސް ހާމަކުރެއްވިއެވެ.

ކެލިފޯނިއާއަކީ މުޅި ދުނިޔޭގެ އިޤްތިޞާދަށް ބަލާއިރު، އެންމެބޮޑު 7 ވަނަ އިޤްތިޞާދުކަން ނައިބު ރައީސް ފާހަގަކުރައްވަމުން، ކެލިފޯނިއާގެ އެކިއެކި ކުންފުނިތަކުން ޓެކްނޯލޮޖީގެ ރޮނގުންނާއި، އަދި މީހުން ބިނާކުރުމުގެ ރޮނގުން އެހީވެވަޑައިގެންދެއްވާނެ ކަމަށް ކެލިފޯނިއާގެ ގަވަރނަރ އާރނޯލްޑް ވިދާޅުވި ކަމަށާއި، ގަވަރނަރ އާރނޯލްޑަކީ ޚާއްޞަ ގޮތެއްގައި ރިނިއުބަލް އެނަރޖީ އާއި، ތިމާވެށީގެ ކަންތައްތަކުގައި ވަރަށް އިސްނަންގަވައިގެން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވައި ވާހަކަ ދެއްކެވި ކަންތައްތަކާއި، އަދި މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ފައިދާތަކާ ބެހޭގޮތުން ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ނައިބު ރައީސް ޖަވާބު ދެއްވިއެވެ.