ހަނިމާދޫ އެއަރޕޯޓް، ބައިނަލްއަޤްވާމީ އެއަރޕޯރޓަކަށް ހައްދަވައި، ހަނިމާދޫގައި ވަރަށް ފުޅާކޮށް ވިޔަފާރި ހިންގުމަކީ، ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ހިންގަވަން ބޭނުންވާ ސިޔާސަތެއް ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރިއާއި، އެއަތޮޅު ދެކުނުބުރިއަށް ފެށްޓެވި ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން، ރޭ ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، މިކަން ކުރުމަށްޓަކައި، ސަރުކާރުން މިހާރުވަނީ ހަނިމާދޫ އެއަރޕޯޓް ހިންގުމަށްޓަކައި ވިޔަފާރި ކުންފުންޏެއް އުފައްދަވައި، އެކުންފުންޏާ ޙިއްޞާވެގެން އެއަރޕޯޓް ހިންގުމަށް ބޭނުންވާ ބޭރުގެ ކުންފުންޏެއް ހޯދުމަށް އިޢުލާނު ކުރައްވާފައިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ބޭރުގެ ހަތަރު ކުންފުންޏަކުން މިހާތަނަށް އިޖާބަދީފައިވާ ކަމަށާއި، އޭގެތެރެއިން ގިނަ ފަރާތްތަކުން ހަނިމާދޫ އެއަރޕޯޓުގައި ބޮޑު ޑިއުޓީ ފްރީ ކޮމްޕްލެކްސްއެއް ހިންގުމަށް ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި އެކަމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ހަނިމާދުއަށް ބަދަލުކުރެވިފައިވާ ހަތިފުށްޓާއި ފަރިދޫ ރައްޔިތުން ދިރިއުޅުމަށްޓަކައި ގެދޮރު އަޅުއްވައިދެއްވާނެ ކަމަށާއި، ރަށުގެ ނަރުދަމާއާއި ކަރަންޓާއި ފެނުގެ މަޝްރޫޢުވެސް މަތި އުތުރު ޕްރޮވިންސްގެ ޔޫޓިލިޓީ ކުންފުނި މެދުވެރި ކުރައްވައި ހިންގަވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރިއާއި ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ މާލެ ވަޑައިގެންފައެވެ.