ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ޢާންމު ޚިދްމަތްތައް ދިނުމާބެހޭ މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވަވައިފިއެވެ. މިއަދު ހެނދުނު 10.00 ން ހަވީރު 5.00 އަށް އާރަށުގައި މިބޭއްވެވި ބައްދަލުވުމަކީ، ސަރުކާރުން އުފައްދަވާފައިވާ ޕްރައިވަޓައިޒޭޝަން ކޮމިޓީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ.

ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސިވިލް ސަރވިސްގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ދިވެހިރާއްޖޭގައި ހިނގަމުންދާ ބޭންކްތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުން އިފްތިތާޙުކޮށްދެއްވީ، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން އަދި ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީއެވެ. މިބައްދަލުވުން އިފްތިތާޙުކޮށްދެއްވަމުން، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުމަކަށްވާނީ، ފެންވަރު ރަނގަޅު ޚިދްމަތްތަކެއް ދާއިމީ ގޮތެއްގައި އަތްފޯރާފަށުގައި ލިބޭގޮތަށް އޮތުން ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ، މި ޚިދްމަތްތައް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ފޯރުއްވައިދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ޕްރައިވަޓައިޒޭޝަންގެ ސަބަބުން ނުކުންނާނެ ގޮންޖެހުންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ، ކަންކަން ހިންގަވާ ފަރާތްތަކަށް ކަމުގައިވާއިރު، އެފަރާތްތައް މިކަމުގައި ބައިވެރިވެވަޑައިގެން، އެފަދަ ޚިޔާލުފުޅުތައް، ސަރުކާރާއެކު ޙިއްޞާކުރުން އެއީ ކޮންމެހެން ލާޒިމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މަޙްމޫދު ރާޒީގެ އިތުރުން، މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އަސްޢަދެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީ ދެއްކެވި ވާހަކަފުޅު ބިނާކުރެއްވީ، ތަޢްލީމީ ދާއިރާގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ޚިދްމަތް ދިނުމުގެ ސިޔާސަތާއި، އެމަސައްކަތް ކުރިއަށްދާ ގޮތުގެ މައްޗަށެވެ. އަޙްމަދު އަސްޢަދު ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރީގައި ސަރުކާރުގެ ދައުރު ކުޑަކުރުމާއި، ރެގިއްލޭޓް ކުރުމުގެ ދައުރު ހަރުދަނާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މިބައްދަލުވުމުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ޚިދްމަތް ދިނުމަކީ ކޮބައިކަމާއި، މި ނިޒާމުގެ ދަށުން ޚިދްމަތް ދިނުމުގައި، އެކުލެވިގެންވާ ކަންތައްތަކުގެ މައްޗަށާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ޕްރައިވަޓައިޒް ކުރުމާއި، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ޚިދްމަތް ދިނުމުގައި، ކަޑައްތު ކުރަންޖެހޭ މަރްޙަލާތަކުގެ މައްޗަށް މަޢްލޫމާތު ދެއްވިއެވެ. އަދި ޕްރައިވަޓައިޒޭޝަންގެ ތަޖުރިބާ ޙިއްޞާ ކުރެއްވުމުގެ ގޮތުން، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކަމްޕެނީގެ ތަޖުރިބާގެ މައްޗަށް، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ މުޙަންމަދު އަޙްމަދުދީދީ ވާހަކަ ދެއްކެވިއެވެ.

މިބައްދަލުވުމުގައި، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ޚިދްމަތް ދިނުމުގެ ސިޔާސަތުގެ ދަށުން އިޖްތިމާޢީ ދާއިރާތަކުން، ޚާއްޞަ ގޮތެއްގައި ތަޢްލީމީ ދާއިރާއާއި ޞިއްޙީ ދާއިރާއިން ޚިދްމަތްތައް ދިނުމުގައި ހުރި ފައިދާތަކާއި، އެކަމުގައި ހުރި ގޮންޖެހުންތަކާއި، އެގޮންޖެހުންތަކަށް ކުރިމަތިލައި ޙައްލުކުރާނެ ގޮތްތައް، މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ގްރޫޕްތަކުގައި މަޝްވަރާ ކުރައްވައި ހުށަހެޅުއްވިއެވެ.

ގްރޫޕްތަކުން މިހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ އަލީގައި، ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީ ދެއްކެވި ވާހަކަފުޅުގައި، ޕްރައިވަޓައިޒޭޝަން ސިޔާސަތު ތަންފީޒު ކުރުމުގައި ހަރުދަނާ ކުރަންޖެހޭ ކަމަށް ގްރޫޕްތަކުން ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ މައްޗަށް ބައްލަވާނެ ކަމަށާއި، މި ސިޔާސަތު ތަންފީޒު ކުރެއްވުމުގައި، ވާރލްޑް ބޭންކާއި، އޭ.ޑީ.ބީ ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޕްރައިވަޓައިޒޭޝަން ސިޔާސަތު ތަންފީޒު ކުރުމުގައި ޚިދްމަތްދޭ ދާއިރާތަކުގެ ބައިވެރިވުމުގެ މުހިންމުކަން ވަރަށްބޮޑުކަން ފާހަގަކުރައްވަމުން، މިހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ލިބިގެން ނޫނީ މިކަން ކާމިޔާބުވެގެން ނުދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.