ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޑްންއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު ސްރީލަންކާއަށް ވަޑައިގެންފިއެވެ. ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވީ، ސްރީލަންކާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޙުސައިން ބައިލާ އާއި، ސާކް ޑިރެކްޓަރ ސުމިތު ދަސަނަޔަކަ އާއި، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޢަލީ ޙުސައިންދީދީ އާއި، ސްރީލަންކާގެ ޕްރޮޓޮކޯލްގެ އިސްބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިކުރައްވާ ދަތުރުފުޅުގައި، އެމަނިކުފާނު ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސެއާ މާދަމާ ބައްދަލުކުރައްވާނެއެވެ. މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާ ކުރައްވާނެއެވެ.