ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
 
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ޚަބަރު ސަރުކާރަށް ލިބިވަޑައިގަތުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވި ކަމަށާއި، އެކަމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި، އެ ވުޒާރާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ލިބެމުންދާ ކަމުގައި ވިދާޅުވެ، އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އިސްބޭފުޅުންނާއި، ރިޒޯޓުތަކާއި ގެސްޓްހައުސްތަކުންނާއި، ކަމާގުޅޭ އަމިއްލަ އެހެން އިދާރާތަކުން މިކަމަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތު ފާހަގަކުރައްވައި އެބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
 
މިދުވަސްވަރަކީ ވަރަށްގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެއް ކަމަށްވުމާއެކު، އެންމެ ޚާއްޞަ އިސްކަމެއް ދެއްވަނީ، ރާއްޖެއަށް ކޮރޯނާ ވައިރަސް، ބޭރުން އައުމުގެ ފުރުޞަތު ކުޑަކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އަޅަމުންދާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި، މިބަލީގެ ނުރައްކާތެރިކަމާއި، ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިބަލި މުޅި ދުނިޔެއިން ކޮންޓްރޯލް ކުރެވެންދެން، ރާއްޖޭގައި އެޅެންހުރި ފިޔަވަޅުތައް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކީގައި އަޅުއްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ކޮރޯނާ ވައިރަސް، ރާއްޖެއާ އަވަށްޓެރި ބައެއް ހިސާބުތަކުގައި ފެތުރެމުންދިޔުމާއެކު، މިހާރުން މިހާރަށް އެޅެންހުރި އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރައްވައި، އެޅެންހުރި ފިޔަވަޅުތައް، ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި މި ބައްޔާބެހޭ އެންމެފަހުގެ މަޢުލޫމާތުތައް ރައްޔިތުންނަށް ދެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތަކާ ގަވާއިދުން ބައްދަލުކުރައްވައި، ކަމާބެހޭ މަޢުލޫމާތުތައް ޙިއްޞާކޮށްދެއްވުމަށް، ކަމާބެހޭ ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.