ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޑްންގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް، ޕަރ ވެސްޓަރބަރގާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި މިސްޓަރ ވެސްޓަރބަރގް، ރައީސް ނަޝީދަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީއާއި ހެޔޮވެރިކަން ކުރިއެރުވުމަށް ކުރެއްވި ކާމިޔާބު މަސައްކަތްޕުޅުތަކަށްޓަކައި ރައީސް ނަޝީދަށް ތަހުނިޔާ ވިދާޅުވިއެވެ. ކޯޕަންހޭގަންގައި މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށްޓާބެހޭ ސަމިޓަށް ތައްޔާރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް މިސްޓަރ ވެސްޓަރބަރގް ފާހަގަކުރައްވަމުން، މި ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ހެދުމަށްޓަކައި ސްވިޑްންއިން ދޭ އަހަންމިއްޔަތާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢްލޫމާތު އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ވާހަކަފުޅުގައި، ކޯޕަންހޭގަން ސަމިޓް ދުވަސްވަރު ޔޫރަޕިއަން ޔޫނިއަންގެ ރައީސްކަން ސްވިޑްންއާ ހަވާލުވުމާއި، އަދި ތިމާވެށި ޙިމާޔަތްކުރުމަށް ސްވިޑްންއިން ދޭ ޚާއްޞަ އަހަންމިއްޔަތުގެ ސަބަބުން، މި ސަމިޓުގެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއަކާ ހަމައަށް އާދެވޭނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ވަގުތު ވަރަށް ކުޑަތަންވެފައިވާ ކަމަށާއި، ތިމާވެށްޓަށް ނުރައްކާތެރި ގޭސްތައް މަދުކުރުމަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި، ހެޔޮވެރިކަމެއް ޤާއިމުކުރުމަށްޓަކައި ތިމާވެށީގެ ރަނގަޅު ސިޔާސަތުތަކެއް ކަނޑައެޅިފައ އޮންނަންޖެހޭކަމަށް ވިދާޅުވެ، ޑިމޮކްރަސީ އަށަގެންނެވުމަށް މިހާރަށްވުރެ ތިމާވެށްޓާ ރައްޓެހި ސިޔާސަތުތަކެއް ޤާއިމުކުރުމަކީ، ކޮންމެހެން މުހިންމުކަމެއްކަން ރައީސް ނަޝީދު ބަޔާންކުރެއްވިއެވެ.

ރާއްޖެއާއި ސްވިޑްންއާ ދެޤައުމުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުންގެ މެދުގައި ގުޅުންބަދަހިކުރައްވައި އެއްބާރުލުން އިތުރުކުރެއްވުމަށް ބޭނުންފުޅުވާކަމަށްވެސް މި ބައްދަލުކުރެއްވުމުގައި، ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށާއި ހަރުދަނާކުރެއްވުމަށް ކުރާ މަސައްކަތަށް މިފަދަ ގުޅުމެއްގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.