ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު)ގެ 18 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ޢައްޔަން ކުރެއްވުމަށްޓަކައި ހެންވޭރު ފަޅަގަޑިގޭ ޑޮކްޓަރ ޢަބްދުﷲ ވަޙީދުގެ ނަންފުޅު ފާސްކޮށްދެއްވުމަށް، އެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އެކުލެވިގެންވަނީ، ފަސް މެންބަރުންގެ މައްޗަށެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރެއްވުމަށްޓަކައި، 2008 ޑިސެމްބަރ 18 ގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަސް ނަންފުޅުގެ ތެރެއިން ހަތަރު ނަންފުޅު، އެ މަޖިލީހުން ވަނީ ފާސްކޮށްދެއްވާފައެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މަޤްޞަދުތަކުގެ ތެރޭގައި، ފުލުހުންގެ ތެރޭގައި ޤާނޫނާއި ގަވާއިދަށް ކަމޭހިތުން އިތުރުކުރުމާއި، ފުލުހުންގެ ތެރޭގައި ހިނގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް މިނިވަންކަމާއެކު ތަޙުޤީޤުކޮށް، ޤާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ފުލުހުންނަށް އެބައިމީހުންގެ ވަޒީފާ އަދާކުރުމުގައި ބޭނުންވާނޭ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާއި، ފުލުހުންގެ ޚިދްމަތާ ބެހޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުކުރުންވެސް މިކޮމިޝަންގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.