ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޑްންއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މޫސުމާބެހޭ އެ ޤައުމުގެ މަރްކަޒީ އިދާރާގެ ޑިރެކްޓަރ މިސްޓަރ ޖޮހާން ޝާރާ ބައްދަލުކުރައްވައިފިއެވެ. ރޭ ބޭއްވެވި މިބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާ ސްޓޮކްހޯމްގައި ހުންނަވާ ދަ ގްރޭންޑް ހޮޓެލްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގައި، ޚާއްޞަ ގޮތެއްގައި ވޭތުވެދިޔަ ހަތަރު ފަސް އަހަރު ދުވަހުގެ ތެރޭގައި، އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި އަދި އެ ޙައްޤުތައް ޙިމާޔަތް ކުރެވިފައި އޮތުމުގެ މުހިންމުކަން ކުރިއަށް ނެރުއްވާފައިވާތީ، މިސްޓަރ ޖޮހާން ޝާރު، މިބައްދަލުކުރެއްވުމުގައި ތަޢުރީފު ކުރެއްވިއެވެ.

ހަކަތަ އުފައްދައި ބޭނުން ކުރުމުގައްޔާއި، ތަރައްޤީގެ ބައެއް ވަސީލަތްތައް ކުރިއެރުވުމުގެ ނަމުގައި އިންސާނުން ކުރާ ކަންތައްތަކުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު ހޭލުންތެރިކަން އުފެއްދެވުމަށް ރައީސް ނަޝީދު ޢަމަލީގޮތުން އިސްނަންގަވައި މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަން މިސްޓަރ ޝާރު، މިބައްދަލުކުރެއްވުމުގައި ބަޔާން ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުންގެ ސިޔާސީ އަދި ދުނިޔަވީ ހޭލުންތެރިކަން ކުރިއަރައި ގޮސްފައިވާ މިންވަރު ވަރަށްބޮޑުތަން އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ގެއްލުންތަކާ ގުޅިގެން، އެކުވެރި ޤައުމުތަކުން ފޯރުކޮށްދެއްވާ އެހީތެރިކަން ހަމަހަމަ ގޮތުގައި ބެހިގެން ދިއުމުގެ އެންމެބޮޑު އެއްވަސީލަތަކީ، ރާއްޖޭގައި މިހާރު މިއޮތް ޑިމޮކްރެޓިކް ނިޒާމު ކަމުގައި ވިދާޅުވިއެވެ.

ސްވިޑްންގައި ނެރެވޭ އެންމެ މަޝްހޫރު ދުވަހު ނޫސް ކަމުގައިވާ ”އަފްޓެންބުލަޑެޓް“އަށާއި، ސްވިޑިޝް ނިއުސް އެޖެންސީގެ ނޫސްވެރިންނަށް ރައީސް ނަޝީދު މިއަދު ހެނދުނުވަނީ ބަސްދީގަތުމެއް ދެއްވާފައެވެ.