ރާއްޖެއަކީ، ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް ކެލިފޯނިއާގެ ގަވަރނަރ އާރނޯލްޑް ޝުވޮޓްސަނޭގަރ ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައިފިއެވެ. ގަވަރނަރ ޝުވޮޓްސަނޭގަރ މިކަމަށް ތަޢުރީފް ކުރެއްވީ، ނައިބުރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާ ބައްދަލުކުރައްވަމުންނެވެ. މިއީ، ދިވެހި ސަރުކާރުން އެޅުއްވި ވަރަށް މުހިންމު އަދި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާބެހޭގޮތުން ގަވަރނަރ ޝުވޮޓްސަނޭގަރ، ނައިބުރައީސް އަރިހުން މަޢްލޫމާތު އޮޅުންފިލުއްވައި، ރާއްޖެއަށް މި ރޮނގުން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ކެލިފޯނިއާގެ ތިމާވެށްޓާބެހޭ މާހިރުންގެ ތަޖުރިބާ ރާއްޖޭގެ ކަމާބެހޭ ތަޖުރިބާކާރުންނާއެކު ޙިއްޞާ ކުރެއްވުމުގައި އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރު ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށްޓާބެހޭ ސަމިޓް ޖަލްސާ ފެށެންވާއިރަށް ރާއްޖެއާއި ކެލިފޯނިއާ ދެމެދު ޕާޓްނަރޝިޕެއް ޤާއިމުކުރެއްވުމާބެހޭގޮތުންވެސް ގަވަރނަރ އާނޯލްޑް ވާހަކަފުޅު ދެއްކެވިއެވެ.

ނައިބުރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެއް ކަމުގައި ވިދާޅުވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢްލޫމާތު ކެލިފޯނިއާ ގަވަރނަރަށް ދެއްވިއެވެ. އަދި ރާއްޖޭގެ ތިމާވެށީގެ ކަންތައްތަކަށް ގަވަރނަރ ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތު ފާހަގަކުރައްވައި ނައިބު ރައީސް ގަވަރނަރ ޝުވޮޓްސަނޭގަރ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ގަވަރނަރ ޝުވޮޓްސަނޭގަރއަށް ނައިބުރައީސް ދަޢުވަތު އެރުވިއެވެ. އަދި މި ދަޢުވަތު ވަރަށް އުފާފުޅާއެކު އޭނާ ގަބޫލުފުޅު ކުރެއްވިއެވެ.