بســم اللّـه الرّحمـن الرّحيــم

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މާލޭގެ މޭޔަރ، ވަޒީރުން، ޔޫ.އެން. އެޖެންސީތަކުގެ އިސްވެރިން، މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، ދިވެހި ޒުވާނުން، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުމެން މިއަދު އަނެއްކާވެސް މަސައްކަތްތަކެއް ކުރަމުން މިދަނީ، މި އަހަރު ކުރީކޮޅު މި ސަރުކާރުން ފެށި، އާދެ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މި ފެށި ޕްރޮގްރާމްގެ އިތުރު ހަރަކާތެއް.

އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އެންމެ ބޮޑު އިސްކަމެއް ދެއްވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި މަގުމަތީގައި ހިނގާފައި ހުރި ނުރައްކާތެރި ހާދިސާތަކާއި އަދި މިހާރުވެސް ހިނގަމުންދާ ކަންތައްތަކަކީ، އެއީ އަޅުގަނޑުމެންގެ ރައްޔިތުން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ހިސާބުގައި ހުރި ކަންތައްތަކެއް.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ޚަބަރުތަކަށް ބަލައިލިނަމަވެސް، އަބަދުވެސް އަޅުގަނޑުމެންނަށް ޓީ.ވީތަކުން ނުވަތަ އަޅުގަނޑުމެންގެ ނޫސްތަކުން މި ފެންނަނީ ކޮންމެވެސް ރަށެއްގައި، ކޮންމެވެސް ހިސާބެއްގައި، މާލޭގައި، ނޫނީ މާލޭ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން، މުޅި ޢުމުރަށް އެމީހަކު ނުކުޅެދުންތެރި މީހެއްގެ ގޮތުގައި ބަދަލުވެ، ނުވަތަ ފުރާނަ ދޫކޮށްލަންޖެހޭތަން. އަޅުގަނޑުމެން މިކަމަށް ފުންކޮށް ވިސްނަން އެބަޖެހޭ. މަގުމަތީގައި ދުއްވުމުގަޔާއި، ހިނގައިއުޅުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާން އެބަޖެހޭ. އަޅުގަނޑުމެން މިއަދު މި ކަންތައްތައް، އާދެ، ނަމޫނާއެއްގެ ގޮތުގައި ދައްކައިގެން ނޫނީ، އަޅުގަނޑުމެންނަށް މާދަމާ އަޅުގަނޑުމެންގެ ދަރިންގެ ފަރާތުންވެސް، އަޅުގަނޑުމެންގެ ދަރިވަރުންގެ ފަރާތުންވެސް އަޅުގަނޑުމެންނަށް މި ކަންތައްތަކެއް ނުފެންނާނެ.

އާދެ، އަޅުގަނޑު މިއަދު ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އެންމެހައި ޒުވާނުންނަށް ވަރަށް ބޮޑަށް އަޅުގަނޑު އިލްތިމާސް ކުރަން، މިކަމުގައި ސަމާލުވާން. ކަނޑައެޅިގެން އެނގޭކަމަކީ، މައިންބަފައިންވެސް އަދި އެއްވެސް މީހަކު ބޭނުމެއްނުވާނެކަން، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓެއްގައި ޖެހި، އެމީހެއްގެ ދަރިޔަކު ދުނިޔެ ދޫކޮށްފައިދާކަށް.

އާދެ، މިއީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި އޮތް ކަމެއް. އަޅުގަނޑުމެންގެ މި ރަށްތަކަކީ، އަޅުގަނޑުމެންގެ މާލެއަށް ބަލައިލިނަމަވެސް، އަދި ހުޅުމާލެއަށް ބެލިޔަސް، ދިވެހިރާއްޖޭގެ އެއްވެސް ރަށަކީ އެއީ، އަޅުގަނޑުމެން އެހާ ބާރަށް، އެކަކު އަނެކަކަށް ވާދަކޮށްފައި، ކޮންމެހެން ދާންޖެހޭ ހިސާބުގައި ހުރި ސައިޒެއްގެ ރަށްތަކެއް ނޫން. އަޅުގަނޑުމެން ދާން ބޭނުންވާ ކޮންމެ ތަނަކަށް އާދައިގެ މަޑު ސްޕީޑެއްގައި އަޅުގަނޑުމެން ދިޔަޔަސް، ފަސްވަރަކަށް މިނިޓުން، ދިހަވަރަކަށް މިނިޓުން އަޅުގަނޑުމެންނަށް އެބަ ދެވޭ.

އެހެންވީމާ، އަޅުގަނޑު ހަމަ ޒުވާނުންނާއި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން އޮތީ، މިކަމުގައި އިތުރު ސަމާލުކަމެއް އަޅުގަނޑުމެން ދެމާ ހިނގާށޭ. އާދެ، އަޅުގަނޑުމެން ތަފާސްހިސާބުތަކަށް ބަލައިފި ކަމަށްވަންޏާ، ރާއްޖޭގެ ރަށްތަކުން އެކި ގޮތްގޮތުން އިމަރޖެންސީގައި މީހުން މާލެ ގެންނަ އަދަދު އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. އަދި ރާއްޖެއިން ބޭރަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މީހުން ފޮނުވާފައި، އާދެ، އެކްސިޑެންޓާ ގުޅިގެން ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ފޮނުވާފައި ހުރި އެ އަދަދުތައް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. މިއީ އެއްވެސް ގޮތަކަށް އަޅުގަނޑުމެން އުފާކުރާ ކަމެއް ނޫން.

އެހެންވީމާ، އަޅުގަނޑު ދަންނަވަން އޮތީ، އެއްވެސް ކަމަކީ ކަމެއް ރަނގަޅު ކުރުމަށްޓަކައި އެކަމުގެ މަސައްކަތް އެއީ، ވަކި ވަގުތެއްގައި ފަށަން އޮތް ކަމެއް ނޫނޭ. ކޮންމެ ރަނގަޅު ކަމެއް ކުރުމަށް ކޮންމެ ވަގުތެއްވެސް ރަނގަޅުވާނެ. އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން، ވަކިން ޚާއްޞަކޮށް، ޒުވާނުން އެބަޖެހޭ މިކަމަށް ވަރަށްބޮޑު ސަމާލުކަމެއްދީ، އަޅުގަނޑުމެންގެ އަމިއްލަ ޒިންމާ އަޅުގަނޑުމެން އަދާކުރަން.

އެނގިވަޑައިގަންނަވާނެ، ގަވާއިދުތަކާއި ޤާނޫނު ހެދިފައި މި ހުންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށް. އެއްވެސް ހާލެއްގައި، ޤާނޫނަކީ ނުވަތަ ގަވާއިދަކީ އެއީ، މީހަކަށް އަނިޔާއެއް ދިނުމުގެ ގޮތުން ހެދޭ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެންގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައި ހުރި ޤާނޫނުތައް. އެގޮތުން އަޅުގަނޑު ޒުވާނުންނާއި، އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިލްތިމާސާއެކު، ވަރަށް އާދޭހާއެކު ދަންނަވަން ބޭނުންވަނީ، މި އެންމެންގެ ރައްކާތެރިކަމަށް ހެދިފައި ހުރި ޤާނޫނުތަކަށް އަޅުގަނޑުމެން ޙުރުމަތްތެރިކޮށްހިތަމާ ހިނގާށޭ.

އަޅުގަނޑުމެންނަކީ ކުޑަ، މީސްކޮޅު މަދު ޤައުމެއް. ކޮންމެ މީހަކީވެސް، އަޅުގަނޑުމެންގެ ކޮންމެވެސް ތިމާގެ މީހެއް ނުވަތަ ކޮންމެވެސް ރައްޓެއްސެއް. އެހެންވީމާ، އެހާ އެކުވެރި ޤައުމެއްގައި، އަޅުގަނޑުމެން އެކުވެރި ބައެއްގެ ގޮތުގައި އަޅުގަނޑުމެން އުޅެމުންދާއިރު، އިތުރު ސަމާލުކަމެއް އަޅުގަނޑުމެން މިކަމަށް ދޭން އެބަޖެހޭ.

އާދެ، މަގުމަތީގައި ހިނގައި، އާދެ، މަގު ހުރަސްކުރާ ފަރާތްތަކަށް އަޅުގަނޑުމެން ފުރުޞަތު ދޭން އެބަޖެހޭ. އަޅުގަނޑުމެން ސައިކަލުގައި ދާއިރު، ކާރުގައި ދާއިރު، އަޅުގަނޑުމެން މަޑުކޮށްލިޔަސް، ފުރުޞަތު ދީފައި މަޑުކޮށްލިޔަސް، އަޅުގަނޑުމެންނަށް އެ ދާ ތަނަކަށް އަޅުގަނޑުމެންނަށް ދެވޭނެ. އަޅުގަނޑުމެން މިއަދު މިތިބީ މިކަން ކުރަން. އަޅުގަނޑުމެން މިކަން ނުކޮށް ދޫކޮށްފި ކަމަށްވަންޏާ، ކޮން ބައެއްތޯ މިކަން ކުރާނީ.

އެނގިވަޑައިގަންނަވާނެ، މުޅި ރާއްޖެއަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި ބޭރު މީހުންވެސް، ބިދޭސީންވެސް ވަރަށްގިނަ. އެކިއެކި މަސައްކަތްތަކުގައި، އެކި ލެވެލްތަކުގެ މީހުން ވަރަށްގިނަ. އެމީހުންގެ ފުށުންވެސް ކަންތައްތަކެއް ރަނގަޅު ވެގެންދާނީ، އަޅުގަނޑުމެންގެ ފުށުން އަޅުގަނޑުމެން އެ ނަމޫނާ ދައްކައިގެން. އާދެ، އެހެންވީމާ، އަޅުގަނޑު އަދިވެސް އެއްފަހަރު އެންމެހައި ރައްޔިތުންނަށް، އެންމެހައި ޒުވާނުންނަށް ގޮވާލަން، މި ކަންތައްތަކަށް އިތުރު ސަމާލުކަން ދިނުމަށް.

އާދެ، މާލެއަށް ބަލައިފި ކަމަށްވަންޏާ، އެނގިވަޑައިގަންނަވާނެ މި އަހަރުވެސް މާލޭސިޓީ، އާދެ، ޓްރެފިކް ޕޮލިސް، ޓްރާންސްޕޯޓް އޮތޯރިޓީ، މި ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުން އެބަދޭ. ޕާކިންގއަށް ޙައްލެއް ހޯދުމަށްޓަކައި ލިބެންހުރި ހުރިހާ ޖާގައެއް އާދެ، ބޭނުންކޮށް، ފަސޭހަކަމާއެކު ސައިކަލް ނުވަތަ ކާރުވެސް ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް. އާދެ، މަދުންނަމަވެސް، އަޅުގަނޑު ހަމަ ހިތާމައާއެކު ފާހަގަކޮށްލަން، އަޅުގަނޑުމެންނަށް ފެނޭ، ޕާކްކޮށްލާނެ ޖާގަ ހުއްޓަސް، ފަސޭހަ ގޮތް ބޭނުންވާތީވެ، މީހުންނަށް އުނދަގޫވާ ގޮތަށް ކޮންމެވެސްވަރަކަށް ސައިކަލްތައް، ކަންކަންމަތީގައި އެހެން ބެހެއްޓޭ ތަން. މިއީ އަޅުގަނޑުމެން ހަމަ ރަނގަޅުކުރަންޖެހޭ ކަމެއް.

އެހެންވީމާ، ހަމަ ޒުވާނުންނަށް ވަރަށް އިލްތިމާސާއެކު އަޅުގަނޑު ގޮވާލަން، މިކަހަލަ ހުރިހާ ކަމެއް އަޅުގަނޑުމެން ރަނގަޅު ކުރަމާ ހިނގާށޭ. އަޅުގަނޑުމެން އެންމެން މިއުޅެނީ މި ޤައުމައިގެން ކުރިއަށްދާން. ތަރައްޤީވެފައިވާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށްދާއިރު، ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭނެ. އަޅުގަނޑުމެން ކުރާ މުޢާމަލާތްތަކާއި، ދުއްވުމާއި، އުޅުމާ، މި ހުރިހާ ކަމަކީ މިއީ އަޅުގަނޑުމެން ރަނގަޅުކުރަންޖެހޭނެ ކަންތައްތައް.

އާދެ، މި ފުރުޞަތުގައި އަޅުގަނޑު، ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކާއި، އަދި އަމިއްލަ ކުންފުނިތަކާއި، އޮފީސްތަކުގެ ވެރިންނަށްވެސް ދަންނަވާލަން އޮތީ، މި ޕްރޮގްރާމް، ތިޔަބޭފުޅުންގެ މުވައްޒަފުންނަށް ގިނަގިނައިން ހަނދުމަކޮށްދެއްވާށޭ. އާދެ، ހަނދާންކޮށްދިނުމަކީ، މިގޮތަށް މައިކެއްގެ ދޮށުގައި ހުރެފައި، މި ވާހަކަ ދެއްކުމަކީ މިއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ގިނަގިނައިން ބުނެދިނުމަކީ އެއީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކަމެއް.

އެހެންވީމާ، އެފަދަ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ، ވަކިން ޚާއްޞަކޮށް، ރާއްޖޭގައި، މާލޭގައިވެސް، އެކި ރަށްރަށުގައި، ވަރަށްގިނަ އަދަދަކަށް ބިދޭސީން، އާދެ، އެކި ޤައުމުތަކުގެ މީހުން ދިރިއުޅެމުންދާއިރު، އަޅުގަނޑުމެން އެބަޖެހޭ އެމީހުންނަށްވެސް ޤައުމުގައި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުޞޫލުތަކާއި، އަޅުގަނޑުމެންގެ މި ހަމަތަކާ މި ކަންތައްތައް ކިޔައިދޭން. ހަމައެކަނި ޕިކަޕެއް ދީފައި ނުވަތަ ލޮރީއެއް ދީފައި އެމީހުން ލައްވައި މަސައްކަތް ކުރުވަން ފޮނުވާލީމާ އެއީ، އެންމެ ފުރިހަމަގޮތުގައި ޒިންމާ އަދާވީ ކަމަކަށް ނުބެލެވޭނެ.

އެހެންވީމާ، އަޅުގަނޑު ޚާއްޞަކޮށް، ބޭރު މީހުން ގެންގުޅުއްވާ އެންމެހައި ފަރާތްތަކަށްވެސް ދަންނަވަން އޮތީ، މިއަދު އަޅުގަނޑުމެން މި ހިންގާ ޕްރޮގްރާމް، ތިޔަބޭފުޅުން އެމީހުންނަށްވެސް ކިޔައިދެއްވާށޭ. ކޮންމެ މީހަކީވެސް، ކޮންމެ ބިދޭސީއަކީވެސް، ކޮންމެވެސް މީހެއްގެ ބެލުމެއްގެ ދަށުގައި ހުންނާނެ މީހެއް. އެހެންވީމާ، މި ނަޞޭޙަތްދީ، މި ކަންތައް ކިޔައިދިނުމުން އަޅުގަނޑުމެން މި ކުރާ ކަންތައްތައް އަޅުގަނޑުމެންނަށް ހަމަ ކާމިޔާބު ވެގެންދާނީ.

އާދެ، ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ، ބޭރު މީހުންނަށް އަމާޒުކޮށްގެންވެސް އަޅުގަނޑުމެން މިފަދަ ޕްރޮގްރާމްތައް ބޭއްވުމަށްޓަކައި މިހާރުވެސް ރޭވެމުން އެބަދޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން އޮތީ، ކޮންމެހެން އެ ޕްރޮގްރާމާ ހަމައަށް މަޑުކުރާކަށްވެސް ނުޖެހެއޭ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު އަޅުގަނޑު ތިޔަ އެންމެހައި ބޭފުޅުން، ޚާއްޞަކޮށް، ޒުވާނުން މިކަމަށް ސަމާލުވުމަށް އަޅުގަނޑު ދަންނަވާލަން. ހަމައެއާއެކު، މިއަދު މި ޕްރޮގްރާމް މިހާ ފުރިހަމަގޮތެއްގައި އިންތިޒާމު ކުރެއްވީތީ ޚާއްޞަކޮށް، މިނިސްޓްރީ އޮފް ހެލްތް، ޓްރެފިކް ޕޮލިސް، ޓްރާންސްޕޯޓް އޮތޯރިޓީ، ޑަބްލިޔު.އެޗް.އޯ، މާލޭސިޓީ ކައުންސިލް، މި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އެންމެފަހު ބަހެއްގެ ގޮތުންވެސް އަޅުގަނޑު ދަންނަވާލަން އޮތީ، އާދެ، ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެކުގައި އަޑުއުފުލައި، އަޅުގަނޑުމެންގެ ހަރަކާތުން، އަޅުގަނޑުމެންގެ އުޅުމުން، އަޅުގަނޑުމެންގެ ދުއްވުމުން، އަޅުގަނޑުމެން ހިނގައި އުޅޭގޮތުން، މަގުމަތީގައި އަޅުގަނޑުމެން އުޅޭ އުޅުމުން، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޢަމަލުތަކުން އެކަން ދައްކަމާ ހިންގަވާށޭ. އަނެކާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެހީވާ މީހެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކޮންމެ މީހަކު ވަމާ ހިނގާށޭ.

ޢަޒުމަކަށް ހަދަމާ ހިނގާށޭ، މިއަދުން ފެށިގެން، މި ވަގުތުން ފެށިގެންވެސް އެއްވެސް އެކްސިޑެންޓެއް، އާދެ، އިހްމާލުން، ފަރުވާކުޑަވުމުގެ ސަބަބުން ނުހިނގުމަކީ އެއީ އާދެ، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދައި، އެންމެން އެކުގައި އެ ރޫޙުގައި އަމާން، ރައްކާތެރި މަގުތަކެއް ކަމުގައި ދިވެހިރާއްޖޭގެ މަގުތަކަކީ ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ އެންމެހައި ރަށްތަކަކީ، އަމާން، ރައްކާތެރި މަގުތަކެއް، އާދެ، އަޅުގަނޑުމެންނަށް ލިބިފައިވާ ރަށްތަކެއްގެ ގޮތުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން.

ތިޔަ އެންމެހައި ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ!

والسّـــلام عليــكم ورحمــة اللّـه وبــركاتــه.