އެކިފަރާތްތަކުން ސަރުކާރަށް ލިބެންޖެހޭ އެއްބިލިއަނަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ހޯއްދެވުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފްތާތަކުގެ ތެރޭގައި ފަށްޓަވައިގެން ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި މިއަދު ހެނދުނު 7.15 ގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ދެވަނަ ރޭޑިއޯ ޚިޠާބުގައެވެ.

ރައީސް ނަޝީދުގެ ރޭޑިއޯ ޚިޠާބުގައި، އެއްބިލިއަން ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ސަރުކާރަށް ލިބެންޖެހޭ ކަމަށް ހިސާބުތަކުން ފެންނަން އެބަހުރި ކަމުގައި ވިދާޅުވިއެވެ. އޭގެތެރޭގައި، ޓޫރިޒަމްގެ ދާއިރާއިން ލިބެންޖެހޭ ޓެކްހާއި، ރިޒޯޓްތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއާއި، އެކިއެކި ރޯޔަލްޓީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 12.9 މިލިއަން ރުފިޔާއާއި، އެހެންވެސް ކުލީގެ ގޮތުގައި ލިބެންޖެހޭ 16 މިލިއަން ރުފިޔާއާއި، ކަސްޓަމްސް އަށް ލިބެންޖެހޭ 116 މިލިއަން ރުފިޔާ އެބަ ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި މިފައިސާ ހޯއްދެވުމަކީ، ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން، ސަރުކާރުން ކުރައްވަމުން ގެންދަވާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ރައްޔިތުންނަށް ޚިދްމަތްތަކެއް ދެއްވުމަކީ، ސަރުކާރުގެ މާލީ ސިޔާސަތާއި އިޤްތިޞާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށާއި، ތިންގޮތަކަށް މިމަސައްކަތްތައް ކުރެއްވުމަށް ސަރުކާރުން ވިސްނާވަޑައިގެންފައިވާކަން ރައީސްގެ ރޭޑިއޯ ޚިޠާބުގައި ބަޔާންކުރެއްވިއެވެ. އޭގެތެރޭގައި، ސަރުކާރުގެ ސަތޭކަ ޕަސެންޓް ޙިއްޞާވާ ކުންފުނިތަކުގެ ޙިއްޞާ، އަމިއްލަ ފަރާތްތަކަށް ދޫކުރެއްވުމާއި، ސަރުކާރުން އުފެއްދެވި ޔޫޓިލިޓީ ކުންފުނިތަކުގެ ޙިއްޞާ، އަމިއްލަ ފަރާތްތަކަށް ގަނެވޭގޮތަށް އަދި އަމިއްލަ ފަރާތްތަކަށް މިލްކު ކުރެވޭގޮތަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ގެންދެވުން ހިމެނޭކަން ރައީސް ނަޝީދު ހާމަކުރެއްވިއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ސީދާ ސަރުކާރުން ހިންގަވާ ބައެއް ބާވަތުގެ މަސައްކަތްތައް ހިންގުމުގައިވެސް އަމިއްލަ ފަރާތްތަކުގެ ދައުރު އޮންނަ ގޮތަށް ކަން ކުރެއްވުން އެއީވެސް ސަރުކާރުގެ މާލީ ވިސްނެވުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކަރަންޓާއި، ފެނާއި، ނަރުދަމާފަދަ އަސާސީ ޚިދްމަތްތައް ދެއްވުމަށް އުފެއްދެވި ޔޫޓިލިޓީ ކުންފުނިތަކަށް އިންވެސްޓަރުން ހޯއްދެވުމަށްޓަކައި އިޢްލާނު ކުރެއްވުމާ ގުޅިގެން، 12 ފަރާތަކުން ޝައުޤުވެރިކަން ހާމަކޮށްފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެފަރާތްތަކުން ބިޑް ހުށަހަޅަންޖެހެނީ، އަންނަ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ކަމަށާއި، އެ ބިޑް ކާމިޔާބުކުރާ ފަރާތުން އިޢާދަކުރަނިވި ހަކަތައާއި، އެހެން އާ ޓެކްނޯލޮޖީތައް ރާއްޖެއަށް ތަޢާރުފު ކުރާނެ ކަމަށާއި، ޚިދްމަތްތައް އަގުހެޔޮ ގޮތަކަށް، ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް ފޯރުކޮށްދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ރޭޑިއޯ ޚިޠާބުގައި، ހަތް ޕްރޮވިންސްގައި ހަތްހާސްގެ ޢިމާރާތް ކުރެއްވުމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯއްދެވުމަށް ސަރުކާރުން އިޢްލާނު ކުރެއްވުމާ ގުޅިގެން، 22 ފަރާތަކުން މިކަމުގެ ޝައުޤުވެރިކަން ހާމަކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ ބިޑް ޑޮކިއުމަންޓްތައް އެފަރާތްތަކުން ހުށަހެޅުމުގެ މުއްދަތު، 10 އޯގަސްޓް 2009 އަށް ހަމަވާކަން ރައީސް ހާމަކުރެއްވިއެވެ.

ރައީސް ނަޝީދު މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، "އަނާ ލިންދު ޕްރައިޒް 2009"ގެ ޝަރަފުގެ ހަނދާނާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު މާދަމާ ސްވިޑްންއަށް ފަށްޓަވާ ދަތުރުފުޅުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިއީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށާއި، މިއިނާމަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިވަޑައިގަންނަވާ އިނާމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ރޭޑިއޯ ޚިޠާބު ނިންމަވާލައްވަމުން، ހުޅަނގުގެ ވިއްސާރައާ އަޅުގަނޑުމެން ކުރިމަތިލާއިރު، ސަރުކާރުންނާއި އަދި އަމިއްލަ ފަރާތްތަކުންވެސް ދަތުރުފަތުރުގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.