ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް، ޗައިނާ ސަފީރު މެޑަމް ޔެންގ ޒިއުޕިންގ، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ޗައިނާއަކީ، ރާއްޖޭގެ ތަރައްޤީގައި ވަރަށްބޮޑު ޙިއްޞާއެއްވެދޭ ޤައުމެއް ކަމަށާއި، ޚާއްޞަކޮށް ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ ގެދޮރު އިމާރާތްކުރުމުގެ މަޝްރޫޢަތަކަކީ، ވަރަށް މުހިންމު މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި، ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތަކަށްޓަކައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ހިންގަވާ އެންމެ މުހިންމު މަޝްރޫޢުތަކާއި މި މަޝްރޫޢުތައް ތަރައްޤީކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް ރައީސް ނަޝީދު ބައްލަވާލައްވައި، އެކަމުގެ މަޢްލޫމާތުވެސް ޗައިނާ ސަފީރަށް ދެއްވިއެވެ.

ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ ވަރަށް ގާތްގުޅުމެއް އޮންނަ ކަމަށާއި، ރާއްޖެއާއި ރާއްޖެފަދަ ސަރަޙައްދީ އެކުވެރި ޤައުމުތަކަށް އެހީވުމަށް ޗައިނާ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުން ވެދެއްވެން އޮތް އެހީއެއް ރާއްޖެއަށް ވެދެއްވާނެ ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.