ގެބޮނީޒް ރިޕަބްލިކްގެ ރައީސް ޢުމަރު ބޮންގޯ އޮންޑިމްބާ އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އެޤައުމުގެ ބޮޑުވަޒީރަށް ރައީސް މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢުމަރު ބޮންގޯ އޮންޑިމްބާ އަވަހާރަވީ، ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، ހާޓްހެޓެކެއް ޖެހިވަޑައިގެން، އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 73 އަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިވޭތުވެދިޔަ 42 އަހަރުގެ ދިގު މުއްދަތުގައި ރައީސް ޢުމަރު ބޮންގޯ، ގެބޮނީޒްގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، އެޤައުމުގެ ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދްމަތްތަކުގެ ހަނދާންތައް އަބަދަށް ދެމިހުންނާނެ ކަމުގައި ވިދާޅުވެފައިވެއެވެ. ޤައުމީ ހިތާމައިގެ މިވަގުތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ގެބޮނީޒް ރިޕަބްލިކްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސް ނަޝީދު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސް ޢުމަރު ބޮންގޯގެ ޢާއިލާގެ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.