بســم اللّـه الرّحمـن الرّحيــم

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝިފާޢު، އަދި ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ވަޙީދު، މޮޅަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ނިޝާމް، ކައުންސިލު މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މޮޅަދޫގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ، ވޭތުވެދިޔަ 2018 ވަނަ އަހަރު، އެ އަހަރުގެ ޖުލައި، އޮގަސްޓު، އަދި ސެޕްޓެންބަރުމަސް ތެރޭ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ އެންމެހައި ރަށްތަކަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކާއި، ދެއްވި ޔަގީންކަން، ﷲގެ ހެޔޮ ރަޙްމަތުން މިވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ވަރަށް ސާފުކޮށް، ފެނިގެން އެބަދެއޭ.

އާދެ، މޮޅަދޫއަށް މިއަދުގެ ރައީސް، ވޭތުވެދިޔަ އަހަރުގެ ސެޕްޓެންބަރުމަހު ފަސްވަނަ ދުވަހު ވަޑައިގަތުމުން، މޮޅަދޫގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތައް އެމަނިކުފާނަށް އެނގިވަޑައިގެން. އެ މަނިކުފާނަށް ފެނިވަޑައިގެން މޮޅަދޫ ރައްޔިތުން އަރައި ފޭބުމަށްޓަކައި ޒަމާނުއްސުރެ ފެށިގެން އުފުލަމުންދާ ތަކުލީފާއި، އެ ތަޙައްމުލު ކުރަމުންގެންދާ ދަތި އުދަނގޫ ކަންތައްތައް.

އާދެ، އެގޮތުން ސަރުކާރުން އެންމެ އިސް ސަމާލުކަމެއް ދިން އެއް ކަމަކަށް ވެގެންމިދިޔައީ މޮޅަދޫ ބަނދަރުގެ މަސައްކަތް، މި އަހަރު ތެރޭގައި ފެށްޓުމަށްޓަކައި މަސައްކަތްކުރުން. އާދެ، އިރާދަކުރެއްވީތީ އަޅުގަނޑުމެން މިއަދު މި ފަށްޓަނީ މި މަސައްކަތް.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަރުކާރެއް އައުމުގެ ބޭނުމަކަށް މިވަނީ ރައްޔިތުންގެ މެދުގައި ހަމަޖެހުން ޤާއިމުކޮށް، ރައްޔިތުންނަށް ހުރި ދަތިތައް ފިލުވައި، ބޭނުންވާ ކަންތައްތައް ކޮށްދިނުން. އާދެ، މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ދިވެހި ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ. މިއީ ދިވެހި ރައްޔިތުން މިއަދުގެ ސަރުކާރު ގެނައުމަށްޓަކައި އެންމެ ބާރުލާފައި މަސައްކަތް ކުރަންޖެހުނު ސަބަބަކީ.

އާދެ، ރަށެއްގެ ކުޑަ ބޮޑުމިނަކީ އެއީ އެ ރަށެއްގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި އޮންނަ ހުރަހަކަށް ވެގެނެއްނުވާނެ. އާދެ، މިއަދުގެ ސަރުކާރަކުން، ރައީސުލްޖުމްހޫރިއްޔާ އަބަދު އެ ވިދާޅުވާގޮތަށް، ރައްޔިތުންގެ މެދުގައި ތަފާތުކުރުންތަކެއް ނުގެންގުޅޭނެ.

މިއަދުގެ ސަރުކާރުން އަބަދުވެސް އިރާދަކުރެއްވިއްޔާ، ޔަގީން ކުރާނީ ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުން. އާދެ، އެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑު މި މޮޅަދޫގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން.

އާދެ، އަޅުގަނޑަށްވެސް މިރަށަށް އައުމުގެ ނަސީބު، މި އަހަރުގެ ތެރޭގައި ދެފަހަރަކަށް ލިބިއްޖެ. އާދެ، މި އަހަރުގެ ޖޫން ވިހިވަނަ ދުވަހު އަޅުގަނޑަށް މިރަށަށް އާދެވެނު. އަޅުގަނޑަށްވެސް އަޑުއިވިގެން ދިޔައީ، މިރަށުގެ އެންމެ ތުއްތުކުއްޖާއިން ފެށިގެން އެންމެ ޢުމުރުން ދުވަސްވީ ދައްތަ ނުވަތަ ބޭބެވެސް ހަމަ އެއް ވާހަކައެއް ވިދާޅުވި އަޑު.

އާދެ، އަޅުގަނޑު މޮޅަދޫގެ ލޮބުވެތި ރައްޔިތުންނަށް މިއަދު ދަންނަވަން އޮތީ، މިއަދުގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ ކޮންމެ ދުވަހަކުމެ އެންމެ ގިނައިން ވިދާޅުވާ، އަޅުގަނޑުމެންނަށް ދެއްވާ އިރުޝާދަކީ، ރައްޔިތުންގެ ކަންތައްތައް ރަނގަޅަށް ބަލައި، ރައްޔިތުންގެ އަޑު ރަނގަޅަށް އަހައި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި މަސްއޫލުވެގެން އެކަމުގައި އުޅޭށޭ. އާދެ، ތަކުރާރުކޮށްވެސް އަޅުގަނޑު އެންމެހައި ލޮބުވެތި ބޭފުޅުންނަށް ދަންނަވަން އޮތީ، މި ކަންތައްތައް ކުރުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެމިތިބޭނަމޭ.

އާދެ، ޤައުމަކަށް އެންމެ ބޭނުންވާނެ ކަމަކީ، އެ ޤައުމެއްގެ ހަމަޖެހުން. އާދެ، ސަރުކާރެއް އުފެދިފައި މި އޮންނަނީ ހަމަޖެހުން ޤާއިމުކޮށް، ކަންތައްތައް ކޮށްދީ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސް، މިއަދުގެ ޅަދަރީންނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައި.

އާދެ، ތިޔަބޭފުޅުން ބައްލަވައިލައްވާ، މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އުތުރުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު ގިނަގުނަ ކަންތައްތަކެއް ކުރިއަށް އެބަދޭ. އަސާސީ ކަންތައްތައް ފުރިހަމަކުރުން އެއީ މި ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައްތައް. އާދެ، ތަޢުލީމީ ދާއިރާ ވަރުގަދަކޮށް، ޞިއްޙީ ނިޒާމު ރަނގަޅު ކުރުމަކީ އެއީ މިއަދުގެ ރައީސް، މުޅި ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތައް.

އާދެ، އަންނަ އަހަރުގެ ބަޖެޓުގެ މަރުޙަލާ މިހާރު ކުރިއަށްދާއިރު، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އެންމެ ބޮޑު އިސްކަމެއް ބަޖެޓުގައިވެސް ދީފައި މިއޮތީ ޢުމްރާނީ ތަރައްޤީއަށް ދިވެހިރާއްޖޭގެ ރަށްތަކުގެ، މުޅި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޮޑު ބަޖެޓެއް، ދިހަ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް މިއޮތީ ރައްޔިތުންނަށްޓަކައި ކަނޑައެޅިފައި.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމާއި، ތަޢުލީމީ ނިޒާމަށް މިއިން ކޮންމެ ދާއިރާއަކަށްވެސް ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައެޅިފައި މިވަނީ. އާދެ، މިއީ ސަރުކާރަކުން ކުރަންޖެހޭ ކަންތައްތައް.

އިރާދަކުރެއްވިއްޔާ، މި ސަރުކާރުން މި ދެންނެވި ކަންތައްތަކަށް އަމާޒުކޮށް، ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ޞިއްހީ ކަންތައްތަކަށް އިސްކަންދީގެން ރަނގަޅު ދަރީންތަކެއް، މާދަމާ ޤައުމު ހިންގޭފަދަ ތަޢުލީމީ ދަރީންތަކެއް އުފެއްދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން.

އާދެ، ހަމަޖެހުމަށްވުރެ ބޮޑަށް ޤައުމަކަށް ބޭނުންވަނީ ކޮންކަމެއްތޯ. އިންޞާފަށްވުރެ ބޮޑަށް ރައްޔިތުން ބޭނުންވާނީ ކޮންކަމެއްތޯ. އެކުވެރިކަމާއި އެއްބައިވަންތަ ކަމަށްވުރެ ބޮޑަށް ރައްޔިތުން އެދޭނެ ދެވަނަ ކަމަކީ ކޮބައިތޯ.

އާދެ، އަޅުގަނޑުމެން އަބަދުވެސް، ކޮންމެ ސިކުންތަކުވެސް، ކޮންމެ މިނިޓަކުވެސް އަޅުގަނޑުމެން އުފާކުރަން. އަޅުގަނޑުމެން އުފާކުރަނީ، އަޅުގަނޑުމެންނަށް ލިބިފައި އޮތް މި ހަމަޖެހުން، އެކުވެރިކަން އާދެ، އަޅުގަނޑުމެންނަށް ގެނެސްދިނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެން ތާއަބަދު އެ ދީނުގެ ޞައްޙަ އަޤީދާ މަތީގައި ތިބެ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނީ އެކުވެރި، އެއްކޮށް އުޅޭ ރައްޔިތުންތަކެއް ގުޅިގެން ކުރާ މަސައްކަތަކުން މުޅި ޤައުމު ކުރިއެރުވުމަށް.

އާދެ، އަޅުގަނޑު އެއް ކަމެއް، މިއަދު މޮޅަދޫގެ ލޮބުވެތި ރައްޔިތުންނާއި އަދި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރިހުންވެސް އެދެން ބޭނުން. ޤައުމެއް ތަރައްޤީ ވާނީ އެންމެން އެކުގައި ކުރެވޭ މަސައްކަތަކުން. އާދެ، މިއަދު އަޅުގަނޑުމެން ރަނގަޅު ކަންތައްތައް ކުރުމުގައި، ހެޔޮބަސް އަޑުއެހުމުގައި އަޅުގަނޑުމެން ވަގުތު ދޭން އެބަޖެހޭ. އެއްވެސް ހާލަތެއްގައި، ވަކިކަމެއް ބޭނުންވެގެން އުޅޭ ބަޔަކު، ވަކިކަމެއް ކޮށްފައި، އެކަމަކުން ރެކެން އުޅޭ ބަޔަކު ދައްކާހާ ބަހަނާތަކަށާއި، އެ ދައްކާ ވާހަކަތަކަށް ޖާގަ ދެވޭކަށް އަޅުގަނޑުމެންނަކަށް ނެތް.

އާދެ، އަޅުގަނޑު ދަންނަވަން އޮތީ، ލައްކަ ސަކަރާތް، އާދެ، ލައްކަ އިންތިޒާރުތަކެއް ކަންތައްތަކުގައި ރައްޔިތުން ކޮށްފިއޭ. އަޅުގަނޑު ތަފުސީލަކަށް ނުދިޔަޔަސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ އަހަރުތަކުގައި ތަފާތު އެކި ދިމަދިމާއިން، ތަފާތު އެކި ކަންތައްތަކުގައި ދިވެހި ރައްޔިތުންނަށް ހުރި ގޮންޖެހުންތައް.

އާދެ، ނިންމާލަމުން އަޅުގަނޑު ދަންނަވަން އޮތީ، މިއަދުގެ ސަރުކާރު ދެމިއޮންނާނީ، ﷲ އިރާދަކުރެއްވިއްޔާ، މި ކަންތައްތައް ޙައްލުކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހިގެން، ސަލާމަތާއި ރައްކާތެރިކަމާއެކު އުޅެވޭނެ މާޙައުލެއް ކަށަވަރު ކުރުމާއި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު ކަންތައްތައް ކޮށްދިނުމުގައި. އެ ކަންތައްތައް ކުރުމުގައޭ.

އާދެ، އަޅުގަނޑަށް މިއަދު މިރަށަށް އާދެވުނީތީ އަދި ރައްޔިތުންނާ ބައްދަލުވެވުނީތީ އެކަމާ އުފާކުރަމުން، މި ބަނދަރުގެ މަސައްކަތް މިއަދު ފެށި، ﷲގެ ހެޔޮ ރަޙްމަތުން ވީހާވެސް އަވަހަކަށް ނިންމައި، އެ ބަނދަރުގެ ފަސޭހަކަން ރައްޔިތުންނަށް ލިބުމަކީ އެއީ އަޅުގަނޑު މިއަދު އެދޭ އެންމެ ބޮޑު އެދުން ކަމުގައި ދަންނަވަމުން، މޮޅަދޫ ރައްޔިތުންނާއި އަދި މުޅި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.