ނައިބު ރައީސް ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކެލިފޯނިއާ ސްޓޭޓް ގަވަރަންމަންޓްގެ އެލްކޮހޯލް އެންޑް ޑްރަގް ޕްރޮގްރާމްގެ ޑިރެކްޓަރ މިސް ރެނޭ ޒިޓޯއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާ މިންވަރާއި، މި މައްސަލަ ޙައްލު ކުރެއްވުމަށް، ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މަޢްލޫމާތު، ނައިބު ރައީސް، މިސް ޒިޓޯއަށް ދެއްވިއެވެ.

މިސް ޒިޓޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑްރަގްގެ މައްސަލަ ޙައްލު ކުރެއްވުމުގައި، ކެލިފޯނިއާ ސްޓޭޓް ގަވަރަންމަންޓްގެ އެލްކޮހޯލް އެންޑް ޑްރަގް ޕްރޮގްރާމްގެ ފުރިހަމަ އެހީތެރިކަން ދިވެހި ސަރުކާރަށް ލިބޭނެކަމުގެ ޔަޤީންކަން ނައިބު ރައީސަށް ދެއްވިއެވެ. އަދި މިކަމުގައި އެހީތެރިވުމުގެ ގޮތުން އިންފޮރމޭޝަން ރިސާރޗް ސެންޓަރެއް ރާއްޖޭގައި ޤާއިމު ކުރެއްވުމަށް އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.