”ޓިވެޓް“ ނިޒާމުން މަސައްކަތްތެރި ކަމުގެ ދާއިރާއަށް މީހުން ތަމްރީނު ކުރުމާއި، މިކަމަށްޓަކައި އުފެއްދެވި ”މިވެޓް“ ހިންގާނޭގޮތާމެދު ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިމަޝްވަރާ ބައްދަލުވުމުގައި ރައީސް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ”ޓިވެޓް“ގެ މައިގަނޑު އަމާޒަކީ ވީހާވެސް ގިނަ ޒުވާނުންނަށް ތަމްރީނުދީފައި، މުޖްތަމަޢުގެ ތެރޭގައި ބާކީނުވެ، މުޖަތަމަޢަށް ފައިދާހުރި ގޮތެއްގައި އެމީހުންގެ ދިރިއުޅުން ކުރިއަށް ގެންދާ މަގުތަކެއް ހޯދައިދިނުން ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ”ޓިވެޓް“ގެ ތަޢާރުފެއް ދެއްވީ، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް މަރިޔަމް ނޫރައްދީނެވެ. ”މިވެޓް“ ހިންގަން ރޭވިފައިވާގޮތާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ، ޝަފީޢާ ޒުބައިރެވެ.

މިބައްދަލުވުމުގައި، ތަމްރީނު ކުރުމުގައި އިސްކަންދޭނެ ދާއިރާތަކާއި، ”މިވެޓް“ގައި ހިންގާނެ ކޯސްތަކާ ބެހޭގޮތުންނާއި، ތަމްރީނު ކުރާނެ ބައިވެރިން ހޯދުމާއި، ތަމްރީނު ހިންގާނެ ތަންތަނާއި، ވަޒީފާދޭ ފަރާތްތަކުގެ ބައިވެރިވުން ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.