އިޤްތިޞާދީ މިންގަނޑަކުން ކަނޑާއި ފަރުތަކުގެ ޤުދްރަތީ ވަސީލަތްތައް އަގުކުރުމުގެ ދިރާސާ ރިޕޯޓް، ރައީސް މުޙަންމަދު ނަޝީދު މިއަދު ނެރުއްވައި ދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، މިރިޕޯޓު ނެރުއްވައިދެއްވުމަށްފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަދި ޙަޔާތުގައި، އަޅުގަނޑުމެންނަށް ކަމެއް މުހިންމުވަނީ، ނުވަތަ އެކަމަކީ ނުވަތަ އެ އެއްޗަކީ ރައްކާތެރިކަމާއެކީގައި ބަލަހައްޓާނެ އެއްޗެއް ކަމަށް މި ޤަބޫލުކުރަނީ، އެ އެއްޗަކާ އަޅުގަނޑުމެންނާ ހުރި ގުޅުން ވަރަށް ސީދާ ގޮތުގައި އަޅުގަނޑުމެންނަށް ފެނުނީމާ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު މިނެރެވުނު ރިޕޯޓަކީ، މިގުޅުން އަޅުގަނޑުމެންނަށް އިތުރަށް ސާފުވެ، އެކަމުގެ އިތުރު މަޢްލޫމާތު ލިބިގެންދާނެ ރިޕޯޓެއް ކަމުގައި ވިދާޅުވިއެވެ.

ޒަމާނުއްސުރެ ފަށައިގެން ދިވެހިން، ފަޅުފަޅާއި، ފަރުފަރާއި، ކަނޑުތަކާއި، ރުއްގަހާއި، ގޮނޑުދޮށްފަދަ ތަންތަން މިނަމުން، އެތަކެތީގެ ބޭނުން ވަރަށް ފުރިހަމައަށް ހިފަމުން އަދި އެބޭނުން ހިފާނެ މިންވަރު ކަނޑައަޅަމުން އަންނަކަން ފާހަގަކުރައްވަމުން، އިސްދޫ ލޯމާފާނުންވެސް މިކަން އެނގެން އެބައޮތް ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ކަނޑާއި ފަރުތަކުގެ ޤުދްރަތީ ވަސީލަތްތައް ރައްކާތެރި ކުރުމާއި ޙިމާޔަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިންސާނާގެ ސަލާމަތް ހޯދުމަށްޓަކައި އެހާ ސާފުކޮށް ނުފެންނަ ޤުދްރަތީ ގުޅުންތަކެއް، ވަސީލަތްތަކެއް އެބަވާ ކަމަށާއި، އެ ވަސީލަތްތައް ރައްކާތެރިކޮށް، އެ ޤުދްރަތީ މުއްސަނދިކަން ސަލާމަތްކަމާ އެކީގައި އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދޭން ޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އިޤްތިޞާދީ މިންގަނޑަކުން ކަނޑާއި ފަރުތަކުގެ ޤުދްރަތީ ވަސީލަތްތައް އަގުކުރުމުގެ މި ދިރާސީ ރިޕޯޓް އެކުލަވާލެއްވުމުގަޔާއި އަދި މިބާވަތުގެ އެކިއެކި ރިޕޯޓްތައް އެކުލަވާލުމުގައި އ.ދ.ގެ އެކިއެކި މުއައްސަސާތަކުން ވެދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި އެފަރާތަށް ޝުކުރު އަދާކުރެއްވިއެވެ.