އަންނަން އޮތް ޖީލުތަކަށް ރާއްޖެ ސަލާމަތްކަމާއެކު ރައްދުކޮށްދިނުމަށް ކުރެވެން ހުރި އެންމެ ބޮޑެތި މަސައްކަތްތަކަކީ، ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެންހުރި މަސައްކަތްތައް ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގަޔާއި، ފުރަތަމަފަހަރަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ހެދިގޮނޑުދޮށުގައި ބޭއްވެވި ކުޑަކުދިންގެ ފެސްޓިވަލްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖެ، އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަށް އަޅުގަނޑުމެންގެ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ފާހަގަކޮށް، އެކަންކަން ކުރާނެ ގޮތްތައް ރޭވުމަކީވެސް އަޅުގަނޑުމެންގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މިއަދު ރާއްޖޭގެ ރަށްރަށުގެ ފަޅުތައް ކޮނެ ހަދާފައިވާ މިންވަރު އަޅުގަނޑުމެންނަށް އެބަ ފެންނަ ކަމަށާއި، އެއީ ރަށްރަށް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް، ރަށްރަށުގައި ތޮށިލާއިރުވެސް، ބަނދަރު ހަދާއިރުވެސް މިހާރު އެކަންކަން ކުރަމުން މިއަންނަ ގޮތް ނޫން އެހެން ގޮތަކަށް މިކަން ކުރީމާ، ދެން ނުކުންނާނެ ނަތީޖާއާ ގުޅޭގޮތުން ވިސްނާލަންޖެހޭނެ ކަމަށާއި، އެވަސީލަތްތައް މިއަދު އަޅުގަނޑުމެންނަށް ލިބިފައިހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަށްވުރެ ރަނގަޅަށް ރާއްޖޭގެ ރަށްތައް ބެލެހެއްޓެން އޮތް މަގަކީ ކޮބައިތޯ ބެލެންޖެހޭނެ ކަމަށް ވިދާޅުވެ، ރާއްޖޭގެ ފަޅުފަޅާއި ފަރުތައް ސަލާމަތް ކުރުމަށް ހިންގަންޖެހޭ މަޝްރޫޢުތައް ހިންގުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސް ބައްލަވާލެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ފަރުތަކަށް ނަން ދިނުން، މުރަކައަށް ނަން ދިނުން އެއީވެސް އެތަންތަން ޙިމާޔަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ކުރެވެން ހުރި މަސައްކަތްތަކުގެ އިތުރުން، ރާއްޖެ ޙިމާޔަތްކޮށް ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހޯދަންޖެހޭ ފައިސާ ހޯދުމަކީވެސް ސަރުކާރުން ކުރައްވަންޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ހެދިގޮނޑުދޮށުގައި މިބޭއްވެވި ކުޑަކުދިންގެ ފެސްޓިވަލްގައި ކަނޑުފަޅު ޙިމާޔަތް ކުރުމުގެ ގޮތުން ސްކޫލް ކުދިންގެ ފަރާތުން ޤަރާރެއް ހުށަހެޅިއެވެ. މި ޤަރާރު ހުށަހަޅައި، މި ޤަރާރުގެ ލިޔުން ރައީސް ނަޝީދަށް އެރުވީ، އިސްކަންދަރު ސްކޫލްގެ ދަރިވަރު އަޙްމަދު ރިޝްފާންއެވެ.

ކުޑަކުދިންގެ ފެސްޓިވަލްގައި ބޭއްވެވި ކުރެހުމުގެ މަޢުރަޒު، ރައީސް ނަޝީދު ބައްލަވާލެއްވިއެވެ. އަދި މި މަޢުރަޒުގައި ރައީސް ނަޝީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ކުރެއްސެވިއެވެ.